(ހއ. މުރައިދޫ) ރާއްޖެއަކީ ހުނަރުވެރި އެތައް ފަންނާނުން ތިބި ގައުމެކެވެ. ޝައުގުވެރިކަމާއެކު މަސައްކަތްކޮށް ކާމިޔާބު ހާސިލް ކުރަމުންދާ ހީވާގި ޒުވާނުންތަކެއް ތިބި ތަނެއް ވެސް މެއެވެ. މި ފަންނާނުންގެ ހުނަނުވެރިކަން ފެނި ބައެއް މީހުން ތިބެނީ ހައިރާންވާ ވަރުވެފައެވެ. އަދި މިފަދަ ފަންނުވެރިން ވެގެން ގޮސްފައިވަނީ އެހެން މީހުންނަށް މިސާލަކަށެވެ.
އަހަރެމެންގެ މި ކުޑަ މުޖުތަމައުގައި މިފަދަ ހުނަރުވެރި އެތައް ބައެއް ތިބިކަން ކުރިއަކުން އެހާ ބޮޑަކަށް ފާހަގަ ކުރެވިފައެއް ނެތެވެ.
ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވެސް ފުރަބަންދުގެ ހާލަތު އައުމުން ގިނަ އަދަދެއްގެ މީހުން ގޭގަ މަޑުކުރަން ޖެހި ފޫހި ފިލުވަން ކުރި މަސައްކަތްތަކުން އެމީހުންގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެއެވެ.
ޒަމާނަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު ޒުވާނުންގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް އަންނަ އެއް ދާއިރާއަކީ އެކި ކަހަލަ ފަންނުވެރި ކަމުގެ ދާއިރާކަން މިއީ ބަޔަކަށް ނޭނގި އޮތް ކަމެއް ނޫނެވެ. އަހަރެމެން ދިވެހިންގެ ގެތަކާއި ސައި ހޮޓަލާއި ރެސްޓޯރަންޓްތައް އަދި ވަށާ ހޯދާލި ކޮންމެ ތަނަކުން ވެސް ފެންނަނީ އެފަދަ ކޮންމެ ވެސް ފަންނާނެއްގެ ކަވި މަސަތްކަތެވެ.
GALLERY: Muraidhoo Coffee Hut Restaurant: Aiytheri Masakkathuge Furihama Misaaleh https://t.co/9YTMcA5M30 pic.twitter.com/lwznurkBbW
— Vaguthu Online (@VaguthuOnline) October 9, 2021
ވަގުތު "ހޭރިޔާ" ޓީމުން ހއ. މުރައިދު އަށް ކުރި ދަތުރުގައި އެ ރަށު ތެރޭގެ އެކި ތަންތަން ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެ ރަށުގައި ކުރެވިފައިވާ މަސައްކަތްތަކާއި އިމާރާތް ކުރެވިފައިވާ ތަންތަނާއި ގެތައް ވެސް ފެނުނެވެ. އެ ތަންތަނުގެ ތެރެއިންވެސް އެހެން ތަންތަނާ އަޅާ ބަލާ އިރު ތަފާތު އާދަޔާ ހިލާފު ތަނެއް ފެންނަން ހުއްޓެވެ. އެ ރަށުގެ އަތިރި މައްޗާ ވަރަށް ކައިރިން ފެންނަން އެ ހުންނަ "ކޮފީ ހަޓް" ރެސްޓޯރަންޓަކީ ވަރަށް ވެސް އާދަޔާ ހިލާފު އަދި އެހާމެ ރީތި މަސައްކަތްތަކެއް ކުރެވިފައިވާ ތަނެކެވެ.
މި ރެސްޓޯރެންޓުން ފެނިގެން ދިޔަ އަޖައިބު ކުރުވަނިވި ރިތީ މަސައްކަތުގެ ކުޅަދާނަ މޭސްތިރިއަކީ މުރައިދޫ އަށް އުފަން އުމުރުން 43 އަހަރުގެ އަބްދުﷲ އަފީފްއެވެ. އަބްދުﷲ އަފީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ފަހަރަށް އެ ރަށަށް އައްޔަން ކުރެވުނު ކައުންސިލަރުވެސް މެއެވެ. އެ ރަށު ހެލްތު ސެންޓަރުގައި ވެސް މަސައްކަތް ކުރެއްވި އަފީފަކީ މިހާރު އަމިއްލަ ލޯންޗެއް ގެނެސް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.
މިފަދަ ކަވި މަސައްކަތްތަކަށް ޝައުގުވެރިކަން އުފެދުނު ގޮތް އޮޅުންފިލުވައިލުމުން އަފީފް ވިދާޅުވީ އޭނާގެ އަނބިކަނބަލުންގެ ހިޔާލަކަށް އެންމެ ފުރަތަމަ އަމިއްލަ ގޭގައި ދެމަފިރިން ވެގެން ހެދީ ހަޓެއް ކަމަށެވެ. އެ ހަޓް ހެދި ފަހުން އެ ގެއަށް އަންނަ ރަހްމަތްތެރިންގެ ޝަކުވާއެއްގެ ގޮތުގައި އޮތީ މިފަދަ މާހައުލެއްގައި ކޮފީއެއް ބޯލެވޭ ތަންކޮޅެއް ނެތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ޒުވާނުންގެ އެދުމުގެ މަތިން ދެ ބުރިއަށް ރެސްޓޯރެންޓެއް ހެދީ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކޮފީ ހަޓް" ގެ މަސައްކަތާ ބެހޭ ގޮތުން އަފީފް ވިދާޅުވީ އެ ތަން ހެދުމުގެ ވިސްނުން އައީ ކޮއްކޮ ދިން ހިޔާލެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފަށައި މުޅި ރާއްޖެ ފުރަބަންދަކަށް ގޮސްފައި އޮތް ދުވަސްވަރެވެ.
އޭރު މި ކަހަލަ ތަނެއް ހަދަން ބޭނުންވާ ސާމާނު މާލެއިން ގެނައުމަކީ އުނދަގޫ ކަމަކަށް ވެފައި ފުރަތަމަ ވެސް ބެލީ ރަށުން ލިބޭނެ ސާމާނު ބޭނުންކޮށްގެން ތަން ހެދޭތޯ ކަމަށް އަފީފް ވިދާޅުވިއެވެ.
"ކޮއްކޮ އަޅުގަނޑު ކައިރީ މި ބުނީ މިކަހަލަ ކަމެއް ފެށެން އެބަ އޮތް ހޭ ރައްޓެއްސަކު ހިޔާލެއް ދީފިއޭ. އެކަމަކު އޭނަ އަތަކު ނެތޭ އެވަރަކަށް ރުފިޔާއެއް ކިހިނެއް ހޭ ހަދާނީ. ދެން އަޅުގަނޑު ކިޔައިފިން ތިއީ އެއްވެސް ކަމެއް ނޫނޭ މިތަނުން ލިބެން ހުރި އެއްޗެހި ބޭނުން ކޮށްގެން ހިނގާށޭ ތަން ހަދަން" އަފީފް ވިދާޅުވިއެވެ.
ކޮންމެއަކަށް އެ ދުވަސްވަރަކީ ރަށުގެ މަގުތައް ހެދުމަށްޓަކައި ގަހާއި ރުއްތައް ކަނޑާފައިވާ ދުވަސް ވަރެކެވެ. އެހެންވެ، އެއީ ވެސް އޭނާ އެ ތަން ހަދަން ބޭނުން ކުރި ބައެއް އެއްޗިއްސެވެ. އަފީފް ވިދާޅުވި ގޮތުގައި އެ ތަނުގެ %100 އެއްޗިއްސަކީ މީސްމީހުން ބޭނުން ނުކުރަން ވެގެން އުކާލާފައި ހުރި ސާމާނާއި ރަށުން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން ހަދާފައިވާ އެއްޗިއްސެވެ.
އަފީފް މިތަނުގެ މަސައްކަތް ނިންމެވީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކޮންމެ ދުވަހަކު ހެނދުނު އަށަކުން ފެށިގެން ރޭގަނޑު 12 ޖަހަން ދެން މަސައްކަތް ކުރަން ޖެހުނެވެ. މަސައްކަތް ނިންމުމުގައި ރަށުގައި ވަރުގަދަ ޓީމެއް ވެސް އޮތެވެ.
"ގާތް ގަނޑަކަށް ހެނދުނު އަށަކުން ފެށިގެން ރޭގަނޑު 12 ޖަހަން ދެން މަސައްކަތް ކުރާނެ މި ތަން ހެދި އިރު ހަދާ ނިންމާފައި ދެން ކޮފީ އަކަށް އަރާފައި މާދަމާ މިވެނި ތަނެއް ހަދަން މިވެނި ގޮެތަކަށް ހަދަން ޕްލޭން ކުރާނެ. ރޭގަނޑު އޮންނާނީ އަނެއް ދުވަހު ކުރަންވާ މަސައްކަތް ޕްލޭން ކުރެވިފައި" އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވި ގޮތުގައި އޭނާ މި މަސައްކަތް ކުރެއްވީ އެއްވެސް އުޖޫރައަކާ ނުލާ އަމިއްލަ ވިސްނުން ބޭނުން ކުރައްވައިގެންނެވެ.
ކޮފީ ހަޓުން ފެށިގެން ކޮންމެ މަސައްކަތަކީ ވެސް ވަރަށް ބުރަ މަސައްކަތުން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކުރެވިފައިވާ ކަވި މަސައްކަތްތަކެއް ކަން މުޅި އެތަނަށް ނަޒަރު ހިންގާލުމުން ވެސް ވަނީ އެނގިގެން ގޮސްފައެވެ.
އަފިފް ވިދާޅުވީ ވިޔަފާރިއެއް ގޮތަށް މި މަސައްކަތް ފަށަން ބޭނުންވި ކަމުގައި ވިޔަސް އެ ކަން ކުރަން ވަގުތު ނޯންނަ ކަމަށެވެ. އޭނާގެ މަސައްކަތް ފެނި ކައިރި ރަށްތަކުން ވެސް ހުށަހެޅުންތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމަކު ވަގުތު ހުންނަ ގޮތުން އަސްލުގައި އެހެން ތަނަކަށް ގޮސްގެން މިމަސައްކަތް ކުރެވޭކަށް އަދި ނެތް ދެން އަދި ނުދާނަމެކޭ ވެސް ނޫން" އަފީފް ވިދާޅުވިއެވެ.
ތަފާތެއްނޫން….ޓިޕިކަލް މޯލްޑިވިއަން ރެސްޓޯރަންޓެއް….