(ހއ. މުރައިދޫ) ވެރިރަށް މާލެއާ 296.02 ކިލޯމީޓަރު ދުރުގައި ދޫންޏެއްގެ ބައްޓަމަށް އުފެދިފައިވާ ޖަޒީރާ ރަށެއް ކަމަށްވާ ހއ.މުރައިދޫގެ މަލަމަތިން ފެށިގެން ރަށުގެ އެތެރެވަރިއާ ހަމައަށް ފަތުރާލާފައި ވަނީ ފެހިކަމުގެ އާޒާދީއެކެވެ. ގުދުރަތީ ރީތި ރަށަކަށް ވުމުގެ ފަހުރު އަމުނާލުމުގެ ފުރުސަތު ލިބިފައިވާ މި ރަށަކީ ދިގުމިނުގައި 966 މީޓަރު އަދި ފުޅާމިނުގައި 620 މީޓަރު ހުރި ރަށެކެވެ.

ރީތި ޗާލޫ ކަނޑޫފަޅާއި، ވަށައިގެންވާ ޝައުގުވެރި ރާޅާ އެޅުމުގެ މަންޒިލްތަކާއި، ފީނާލުމުގެ ހިތްގައިމުކަން ލިބޭ ހިސާބުތަކުން މުރައިދޫގެ ޝަހުސިއްޔަތު އެތައް ގުނައެއް އިތުރުކޮށްދޭ އިރު މި ރަށަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ފާހަގަކޮށްލެވޭ ޚާއްސަ ރަށެކެވެ. ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތްތެރިން މި ރަށުގައި ގަދަ އަޒުމުގައި ރުކުރުވާލައިގެން ތިބި އިރު މި ރަށަކީ ޒަމާނުއްސުރެ ނިކަން ފަސްގަނޑު ރަނގަޅު ދަނޑުވެރިކަމަށް ފައްކާ ރަށެކެވެ.

ހއ. މުރައިދޫގައި ހުރި ގަސްތަކެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަމަށް ހެކިދޭ އެއްކަމަކީ ރަށުގައި ޒަމާނުއްސުރެ ވިލަރެސްކުރަމުން އަންނަ ދަނޑުވެރިކަމުގެ ވަރުގަދަކަމާއި ލާމަސީލުކަމެވެ. އަދި މިއަދު މި ރަށުން ކަށިކެޔޮ ގަސްތައް ފެނުން މަދުވެފައި ވީ ނަމަވެސް ރަށުގެ އިސް ރަށްވެހިން ބުނާ ގޮތުން ނަމަ އެއް ޒަމާނެއްގައި މުރައިދޫ އަކީ ކަށިކޭލުގެ ރާޖާއެވެ.

އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ބުނީ މިހާރު ކައުންސިލް އިދާރާ ހުރި ހިސާބަކީ ކުރިން ނިކަން ބައިވަރު ކަށިކެޔޮ އޮތް ހިސާބެއް ކަމަށެވެ. އަދި އެ ރަށުން ކަށިކެޔޮ ނެތި ދިޔަ ސީދާ ގޮތެއް ބުނެދޭން ނޭނގުނު ނަމަވެސް ކަށިކޭލުގެ ރަސްކަމަށް ނިމުމެއް އައީ އެ ގަސްތައް ބެލެހެއްޓުމުގައި ހުރި ދަތިތަކާއި، ރަށުގެ އާބާދީ ބޮޑުވަމުން އައުމާއެކު މީހުން އާބާދުވުމަށް ކަށިކެޔޮ ދަނޑުތައް ހުރި ސަރަހައްދުތައް ބޭނުން ކުރުން ކަމަށް އޭނާ ބުނެއެވެ.

"މިހާރު ކައުންސިލް ހުރި ސަރަހައްދަކީ ކުރިން ކަށިކެޔޮ ޖަންގަލި. ނިކަން ފަސްގަނޑު ރަނގަޅު ތަނެއް އެއީ. މި ސަރަހައްދު ނުފެންނާނެ އޭރު. ކަށިކެޔޮ އެއީ މި ރަށުގެ ރަސްމީ ކެއުމޭ ބުންޏަސް ރަނގަޅު ވާނެ. ކަށިކޭލުގައި ފޮނި ކާއެއްޗެހި ވެސް ތައްޔާރު ކުރޭ. މިހާރުވެސް ރަށުގައި ކޮންމެ ކަހަލަ ގަހެއް ޖެހިޔަސް ވަރަށް ފަސޭހައިން ހެދޭ. ހަނދާން ހުންނަން ފެށީއްސުރެ ވެސް މިއީ ވަރަށް ފަސްގަނޑު ރަނގަޅު، ފެން ހެޔޮ ރަށެއް" އޭނާ ބުންޏެވެ.

ހއ. މުރައިދޫގައި ހައްދާފާއިވާ ކެޔޮ ނިރު ފީންޏެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށުގައި ފަސް ވައްތަރެއްގެ ކެޔޮ ހައްދަމުންދާ އިރު އޭގެ ތެރެއިން އެންމެ ބޮޑަށް އާއްމުވެފައި ވަނީ ތިން ވައްތަރެެކެވެ. އެއީ ރަތް ކެޔޮ، ފުސް ކެޔޮ، ސަންފާ ކެޔޮ ފަދަ ކޭލުގެ ވައްތަރުތަކެވެ. މިހާރު މިރަށުގެ ބޮޑު ސަރަހައްދަކުން ފެންނަމުން ދަނީ ކެޔޮ ގަސްތަކެވެ. އެތައް ހާސް ރުފިޔާއެއް މި ކެޔޮ ގަސްތަކުން ހޯދަމުންދެއެވެ. މިރަށުން ހަފްތާއެއްގެ މައްޗަށް 800 އެއްހާ ކިލޯގެ ކެޔޮ ބޭރު ކުރެއެވެ. އެހެންކަމުން ފައިސާގެ ގޮތުންވެސް ބޮޑު އެއްޗެއް ކޮންމެ މަހަކު މިރަށަށް މި މަސައްކަތުން އެކަނިވެސް ލިބޭނެއެވެ.

ކޮންމެ އަކަސް މި ރަށުގެ ކަށިކޭލުގެ ސަފްހާ މާޒީވެ ހިނގައްޖެއެވެ. ނަމަވެސް ރަށުގެ ދަނޑުވެރިކަމަށް ބަދަލެއް ނާދެއެވެ. މިއަދު ދަނޑުވެރިކަމުގެ ނާރެހަކީ ކޭލެވެ. އުތުރުގައި އެންމެ ފުޅާ ދާއިރާއެއްގައި ކެޔޮ އިންދާ ރަށުގެ ލަގަބު މުރައިދޫ އިން ހާސިލްކޮށްފައިވާ އިރު މި ރަށުން ހަފްތާއެއްގެ މައްޗަށް އެތައް ސަތޭކަ ކިލޯގެ ކެޔޮ ބޭރު ކުރެއެވެ. އަދި އާމްދަނީގެ ގޮތުގައި އާއްމު ރައްޔިތު މީހާގެ ޖީބަށް ރަނގަޅު އުޖޫރައެއް ވަދެއެވެ.

ހއ. މުރައިދޫގައި ހައްދާފާއިވާ ބަނބުކެޔޮ ގަހެއް- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް މި ރަށުގެ ގަސްވެރިކަމުގެ ވާހަކަ މިހާހިސާބުން ނިމުނީކީ ނޫނެވެ. ރަށުގެ ގޭބީސީތަކަށް ހިނގާ ބިނގާވެ އުޅުމުގައި މި ރަށުގެ ރައްޔިތުންގެ ހިތުގައި ގަސް އިންދުމަށް އޮތް ލޯބި ފާހަގަ ނުވާވަރެއް ނޫނެވެ. ޚާއްސަކޮށް އެކި ޒާތްޒާތުގެ މޭވާ އާއި ތަރުކާރީ ހައްދާފައި ހުރި ގޮތަށް ބަލާލުމުން ގަސް މުޑުވަތް ކުރުމާއި، ގޮވާން ކުރުމަކީ މި ރަށުގެ ރައްޔިތުން ދެކެ ފަރިތަ ކަމެއްކަން ހާމަވެއެވެ.

ގޭގޭގެ ގޯތި ތެރޭގައި ނަން ހުސްކޮށް ގަސްތައް އިންދާފައި ހުރި އިރު އޭގެ ތެރޭގައި ޖަނބުރޯލު ގަހާއި، އަނބުގަހުން ފެށިގެން ދޮނަޅަ ފަދަ މަދުން ނޫނީ މީހުން ދިރިއުޅޭ ގޭގެއިން ނުފެންނަ ޒާތްޒާތުގެ ގަސްތައް ފެނެއެވެ. މި ރަށު މީހުން ބުނާ ގޮތުން މިހާރު ރަށުގައި އެންމެ ގިނައިން ހައްދާ ގަހަކީ އަނބުގަހެކެވެ. އަދި ވަކި ސަރަހައްދުތަކުގައި އަނބު ގަސްތައް އިތުރުކަމަށް މި ރަށު މީހުން ބުނެއެވެ.

ހއ. މުރައިދޫގައި އަނބު ހައްދާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ޚާއްސަކޮށް ރަށުގެ އޮފީސް ހުންނަ ހިސާބުން ފެށިގެން ހުޅަނގުގެ ކޮންމެ ގެއެއްގައި ވެސް އަނބު ގަސްތައް ހުރޭ. ދަނޑުވެރިކަން ކުރަން ރަނގަޅު ރަށެއް މިއީ އަބަދުވެސް. ގޭގޭގައި ވެސް އަނބު ގަސް ހުންނާނެ އަތް ފޯރާ ހިސާބުގައި. މޫސުމީ މޭވާތައް އެ ހުންނަނީ. އެކަމަކު ވަރަށް ފަސޭގައިން ހެދޭނެ ގަސްތައް." އޭނާ ބުންޏެވެ.

މި ރަށުގެ ފަސްގަނޑު ރަނގަޅު ވަކި ސަބަބެއް ސީދާ ބުނެދޭން އެނގޭ މީހަކު ނެތެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުން މި ރަށުގެ ފަސްގަނޑު ރަނގަޅު ވަނީ ގުދުރަތީ ސަބަބުތަކާ ހުރެ ކަމަށް ރަށުގެ ގިނަ މީހުން ގަބޫލުކުރެއެވެ. ރަށުގެ ދަނދުވެރިކަން ރަނގަޅުވީ ނަމަވެސް ކުރިން މި ރަށުގައި ގިނަ އަދަދަކަށް އިންދަމުން އައި ބަނބުކެޔޮ ގަސްތައް މިހާރު މި ރަށުން ފެންނަނީ ނިސްބަތުން ވަރަށް މަދުންނެވެ. މިހާރު މީހުން ގިނައިން އިންދަނީ މޭވާ ގަސްތަކެވެ. މި ރަށަކީ މޭވާގެ ދަނޑުވެރިކަމަށް ބެލިޔަސް ކުރިމަގު އޮތް ރަށެކެވެ. އަދި ރަށުގެ ރުށްތަކުން ލިބޭ ކާނާގެ ތާޒާ ކަމަށް ބަލާއިރު އެއީ ވެސް ރަށުގެ ދަނދުވެރިކަމަށް ލިބޭ އިތުރު ކުރިއެރުމަކާއި ފައްސިކަމެއްކަން ފާހަގަކޮށްލެވެއެވެ.