(ޅ. ނައިފަރު) ހަގާ ކުރުމަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ވަރަށް އާންމު ކަމެކެވެ. އެކި ފަހަރު މަތިން އެކި ގޮތްގޮތަށް މައިންބަފައިން ލޮލުގެ ނޫރު ފަދައިން ބޮޑު ކުރާ ދަރިންނަށް އެހެން މީހުންގެ ފަރާތުން ހަގާ ކުރުން ވެގެން ދަނީ މީހުންނަށް އެނގުނަސް، ގިނަ ފަހަރަށް އަޅާ ނުލައި ދޫކޮށްލެވޭ ދެރަ ކަމަކަށެވެ. ހަގާ ކުރަން ވަކި އުމުރުފުރައެއް ނޯވެއެވެ. ނަމަވެސް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކުޑަކުދިން ނުވަތަ 18 އަހަރު ފުރެން ކައިރިވެފައި ތިބޭ ކުދިންނަށް ހަގާ ކުރާ ކަމެވެ.

މިފަދަ ގޮތަކަށް ހަގާ ކުރުމަކީ އެއީ އެއްވެސް މީހަކު ބަލައިގެން ތިބެން ޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެއީ ތިމާއަށް ކުރެވެން ހުރި ކަމެއް ކޮށްގެން ހުއްޓުވަން ޖެހޭ ކަމެކެވެ. އެފަދަ ކަންތައްތައް ނުހުއްޓުވިއްޖެނަމަ، މި ކުޑަ ކުޑަ މުޖުތަމައު ތެރޭގައި އެކަން ވައިގަ ހިފައިފާނެއެވެ.

ޅ. ނައިފަރަށް އުފަން އުމުރުން 18 އަހަރުގެ މުހައްމަދު މައީޝް ވަނީ އަޅުގަނޑުމެންގެ "ވަގުތު" ޓީމުން އެ އަތޮޅުގައި ކުރިއަށް ގެންދިޔަ ހޭރިޔާ ދަތުރުގައި އޭނާއާއި ކުރިމަތިވި ހަގާ ކުރުމުގެ ވާހަކަ ކިޔައިދީފައެވެ. މައީޝްގެ ވާހަކައިން މީހާ ފެންކަޅި ކޮށްލާއިރު، ހިތަށް އަރަނީ އެފަދަ ކަންތައް ކުރާ ކުދިން އެކަން ކުރަނީ އަމިއްލަ އުފަލަށްޓައި ހެއްޔޭ ނުވަތަ ނުވިސްނޭތީ ބާއެވެ.

ޅ. ނައިފަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މައީޝް ކިޔައިދިން ގޮތުގައި އޭނާގެ މަންމައާއި ބައްޕަ އެމީހުންގެ އާއިލާގެ އެންމެން ބަލައި ބޮޑު ކުރީ ވަރަށް ހާލުގަ ކުޑަކުޑަ ކޮޓަރިއެއް ތެރޭގައެވެ. ނަމަވެސް ދުވަހަކު ވެސް އެއްޗެއް އުނިކަމުގެ އިހުސާސް މަންމަ ނުކޮށްދޭ ކަމަށް ހައިޕަޓެންޝަން ނުވަތަ ރުޅިގަދަކަން ބަލި ތަހައްމަލް ކުރަމުންދާ މައިޝް ބުންޏެވެ.

މައިޝްއަކީ ހައިޕާޓެންޝަން ހުންނަ ކުއްޖެއް ނަމަވެސް އެއީ އޭނާ އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. ގުދުރަތީ ގޮތުން އޭނާގެ ގައިގައި ހުންނަ ސިފައެއްގެ ސަބަބުން އެއްވެސް މީހެއްގެ ފަރާތުން މަލާމާތެއް ނުވަތަ ފުރައްސާރައެއް އަދި ހަގާ ކުރުމަކީ އޭނާ އެއްވެސް ވަރަކަށް ދެކެން ބޭނުންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ ކަންތައް ބައެއް ފަހަރު ދިމާވެފައި ހުރިކަން އޭނާ ފާހަގަ ކުރިއެވެ. އަދި އެކަންތައް އެހެންވުމުން އެކަމާއި އަމިއްލައަށް ފިޔަވަޅު ނެގޭ ކަން ވެސް އޭނާ ހިތާމައާއި އެކީ ފާހަގަ ކުރެއެވެ.

"އަޅުގަނޑު އަމިއްލައަށް ކުރާ ކަމެއް ނޫން ރުޅި އައުމަކީ އޭރު. ވަށައިގެން އޮންނަ މާހައުލުގެ މީހުން ކުޑަ ކުޑަ ނަމަކުން ގޮވާލިއަސް އެމީހުން ފާޑުފާޑު ނަން ނަމުން ގޮވާނެ އަޅުގަނޑަށް. ދެން އޭރު އަޅުގަނޑަށް އެކްޝަން ނެގެނީ. އެގޮތަށް އަޅުގަނޑަށްވާތީ އެމީހުންނަށް ވަނީ މަޖާ ކަމަކަށް" ހަގާގެ ޝިކާރައަކަށްވި މައީޝް ބުންޏެވެ.

މައީޝް "ވަގުތު" އަށް އިންޓަވިއު ދެނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަދްރަސީ ހަޔާތުގައި ވެސް ގްރޭޑް 4 އިން ފެށިގެން 7 އާއި ހަމައަށް ކިޔެވިއިރު، ސްކޫލުގައި އުޅޭއިރު، އަބަދުވެސް ކުދިންގެ ފަރާތުން މަލާމާތުގެ ބަސްތަކާއި ހަގާ ކުރުން ތަކުރާރުވެފައިވާތީ އެދުވަސްތައް ދެކެނީ "ހިތުން ފިލައިގެން ނުދާނެ، އަނދިރި ދުވަސްތަކެއް"ގެ ގޮތުގައި ކަމަށް މައީޝް ބުންޏެވެ.

"ފުރަތަމަ ދުވަސްކޮޅު ވަރަށް ވަރަށް މަޖާ. އެކަމަކު ފަހުން ފަހުން އައިސް އަޅުގަނޑުގެ ހައިޕާ ކަންކަން އެނގެން ފެށި ހިސާބުން އެކުދިން އަޅުގަނޑު ގެންގުޅޭ އެއްޗެހި ފޮރުވާ ވީދާ އެކަހަލަ ކަންކަން ކުރީ، ދެން އެގޮތަށް ހަދައި ވަނަންތައް ގޮވާތީ އަޅުގަނޑަށް ނެގެނީ އެކްޝަން" މައީޝް ކިޔައިދިނެވެ.

އެކަންކަން އެގޮތަށް ހިނގުމުން ދެން ގޯސްވަނީ މައީޝްއެވެ. އެއީ މައީޝްއަށް ހަދާނެ ގޮތެއް ނޭނގި އެކްޝަން ނެނގޭތީއެވެ. އެހެން ކަމުން ދެން މައީޝް ހާޒިރު ކުރަނީ ކޮންމެ ފަހަރު ސުޕަވައިޒަރ ރޫމަށެވެ.

ސްކޫލުގައި ހަގާ ކުރުން އިތުރުވެ، މައީޝްއަށް އެކަމުގައި އެކްޝަން ނެގޭތީ ފަހުން އޭނާއަށް ވަކިން ކިޔަވައިދިނުމާއި އިތުރު ހަރަކާތްތަކުގައި ވެސް ވަކިން ބަހައްޓަން ފެށި ކަމަށް މައީޝް ބުންޏެވެ. އަދި ރުޅިގަދަވާތީ ވަކިން ކައުންސިލިން ދޭން ވެސް ޓީޗަރަކު އަންނަ ކަމަށާއި އެހެން ވަކިން ކިޔަވައިދޭތީ އެކަނިވެރިކަން ވަރަށް ބޮޑަށް އެދުވަސް ކޮޅު އިހުސާސް ކުރެވުނު ކަމަށް މައީޝް ބުންނެވެ.

މައީޝް އޭނާ ދިރިއުޅޭ ގޭތެރޭގައި-- ފޮޓޯ: ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މެންޓަލީ ވެސް ވަރަށް އަސަރު ކުރި އެދުވަސްކޮޅު. އަޅުގަނޑު ބައެއް މީހުން ސިފަ ކުރަނީ ހަމަ މޮޔަ ކުއްޖެއްގެ ގޮތުގައި. ވާހަކައަކީ ސިކުނޑި އުނި ކުއްޖެއްގެ ގޮތުގަ އަޅުގަނޑު ސިފަ ކުރަނީ. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ ގައިގައި ހުންނަ ޑިސްއެބިލިޓީއަކީ އަޅުގަނޑުގެ އެއްވެސް ހުވަފެނެއް ޑިސްއޭބަލް ކުރާނެ ކަމެއް ނޫން ކަން" ކުރެވުނު ހިތި ތަޖުރިބާ ހިތްވަރާއި އެކީ މައީޝް ކިޔައިދިނެވެ.

ކުދިންގެ އިތުރުން ވެސް ސްކޫލް ދައުރުގައި ޓީޗަރުންގެ ފަރާތުން ވެސް އިވެން ބޭނުން ނުވާ ބަސްތަކެއް އިވުނު ކަމަށް މައީޝް ވަނީ ބުނެފައެވެ. އެގޮތުން ރުޅިއައުމަކީ ގުދުރަތީ ކަމެއް ނޫން ކަމަށާއި އެއީ މައީޝް އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ޓީޗަރުން ސިފަ ކުރި ކަމަށް މައީޝް ބުންޏެވެ.

"ބައެއް ޓީޗަރުން ހަމަ ވަރަށް ރަނގަޅު. އަނެއްބައި ޓީޗަރުން އަޅުގަނޑު ގަސްތުގަ ކުރާ ކަމެއް ގޮތުގަ ސިފަ ކުރަނީ. އެއްޗެހި ގޮވަނީ އަމިއްލައަށް ކުރާ ކަމެކޭ ކިޔާފަ. މިއީ ބައްޔެއް ހުރެގެން ވާ ކަމެއް ނޫނޭ." މައީޝް ބުންޏެވެ.

މައީޝް އޭނާ ދިރިއުޅޭ ގެ ދައްކާލަނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަހުން ފަހުން އައިސް އެކަންކަން އިތުރުވުމުން އެކަމާއި ކުރިމަތިލާނެ ހިތްވަރެއް ނެތިގެން މަންމަ ގާތު އެވާހަކަ ބުނުމުން މަންމަ މައީޝްގެ ދިފާއުގައި ކޮންމެ ފަހަރަކު ގޮސް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައެވެ.

“އޭރު އަޅުގަނޑުގެ ހިތްވަރެއް ނުހުރޭ އެކަންކަމާއި ކުރިމަތިލާން. ކޮންމެ ފަހަރަކު މަންމަ އަންނާނެ ދިފާއުގަ” ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް މަންމަ ވާހަކަ ދައްކާ ކަމަށް މައީޝް ބުންޏެވެ. އަދި އެންމެ ފަހުން ހައްލެއް ނުލިބުމުން މަންމަ މައީޝް ސްކޫލަށް ނުފޮނުވާ ހުއްޓާލި ކަމަށާއި ނަމަވެސް އެހެން ސްކޫލަކަށް ދިއުމުގެ ތަނަވަސްކަން މަންމަގެ ގައިގައި ނެތުމުން ނުދާ ކަމަށް މައީޝް ބުންޏެވެ.

ސްކޫލް ދައުރު ހުއްޓާލައި މައީޝް މިހާރު މަދްރަސަތުލް އިފްތިތާހުގެ ސެކިއުރިޓީއަކަށް މަސައްކަތް ކުރާއިރު، ސަރުކާރުން ލިބޭ 2000 ރުފިޔާ ބޭނުން ކޮށްގެން އޭނާ އަކީ އޮންލައިންކޮށް "ކޯޑިން" އަދި ލައިފް ގާޑް ސޭވިން ކޯސް ފުރިހަމަ ކޮށްފައިވާ މީހެކެވެ. އަދި މިހާރު އެންމެ ބޭނުން ވަނީ ދިވެހި ފުލުހުންގެ ވަޒީފާއަށް ވަދެގެން އާއިލާ މީހުންނަށާއި މުޅި ގައުމަށް ރީތި ނަމެއް ހޯދައި ދިނުމަށް ކަމަށް ވެސް މައީޝް ވަނީ ބުނެފައެވެ.

ފުލުހަށް ވަނުމުގެ ގޮތުން ޖީސީ އޯލެވެލް އަމިއްލަ ހަރަދުގައި ހެދުމުގެ މަސައްކަތް މިހާރު މައީޝް އަންނަނީ ކުރަމުންނެވެ.

"ވަގުތު" ޓީމުން މައީޝް އާއި ދިމާވި ފަހަރު ނަގާފައިވާ ފޮޓޯއެއް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ދެން އޮތްތަނުގައި ވެސް އަޅުގަނޑު ދުލެއް ނުދޭނަން. ވާހަކައަކީ އަޅުގަނޑުގެ އެކުވެރި ފުލުސް ކުދިން ވެސް ވަރަށް އެއްބާރުލުންދޭ. ވަރަށް ސަޕޯޓިވް. އެމީހުން ބުނޭ، ކަލޯ އެއްވެސް ވަރަކަށް މާޔޫސް ނުވާށޭ، ކަލޯއަށް އަހަރުމެންނާ ހަމައަށް ދެވޭނެއޭ. ކުޑަ ކުޑަ ހިތްވަރެއް ލާށޭ ބުނީ" މައީޝް ކިޔައިދިނެވެ.

މިހާރުގެ ދިރިއުޅުން ސިފަ ކޮށްދެމުން މައީޝް ބުނެފައިވަނީ މިހާރު އޭނާ އުޅެނީ ހިތްހަމަ ޖެހިގެން ކަމަށާއި އެއްވެސް މީހެއްގެ އުނި ބަހެއް ނުވަތަ އެއްވެސް މީހެއްގެ އުނދަގުލެއް ވެސް ކުރިމަތި ނުވާ ކަމަށެވެ. އަދި މަންމައާއި ބައްޕަ ވެސް ހުރުމުން ދެރަވާން ޖެހޭ އެއްވެސް ކަމެއް އިރާދަ ކުރެއްވިއްޔާ ނުވާނެ ކަމަށް މައީޝް ވަނީ ބުނެފައެވެ.

މައީޝް ވަނީ އޭނާ ގޮތަށް ހައިޕާޓެންޝަން ނުވަތަ ރުޅިގަދަ ވާ ކުދިންނަށް ވެސް ނަސޭހަތެއް ދީފައެވެ. އެއީ އެއްވެސް ގޮތަށް އެކުދިންގެ އަމިއްލަ ނަފްސު "ބްލޭމް" ނުކޮށް، ކުރަން ބޭނުންވާ ކަމެއް ކޮށްގެން ދިރިއުޅުމުގައި ކުރިއަށް ދިއުމެވެ. އަދި މީގެ ކުރިން އޭނާއަށް ގަނާ ކުރި ކުދިންގެ ފަރާތުން ވެސް ހިތްވަރު ލިބޭ ކަމަށާއި އެކުދިން ވެސް ވަރަށް ސަޕޯޓްދޭ ކަމަށް މައީޝް ވަނީ ބުނެފައެވެ.

މައީޝް "ވަގުތު" އަށް އިންޓަވިއު ދެނީ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑު ގޮތަށް ހައިޕާ ނުވަތަ ޑިސްއެބިލިޓީ ހުންނަ ކުދިންނަށް ބުނެލަން ބޭނުން ވަނީ ތިކުދިން އަމިއްލައަށް އަމިއްލަ ނަފްސަށް ބްލޭމް ނުކުރާށޭ. ތިކުދިން ބޭނުން ކަމެއް ވެސް ވާނެ. ކުރިއަށް ދާށޭ. އަޅުގަނޑު މިހާރު ނޯމަލް އިރާދަ ކުރެއްވިއްޔާ. ރުޅިއަށް އަހަރެއް ވަންދެން ބޭސް ކައިގެން ރަނގަޅުވީ. މިހާރު ކަންތައްތައް އަންޑަސްޓޭންޑް ވެސް ވޭ. ހެޔޮ ނުބައި ވަކިވޭ މިހާރު" މައީޝް ބުންޏެވެ.

މިއީ މައީޝްގެ ދިރިއުޅުގައި އޭނާ ކަޑައްތު ކޮށްފައިވާ "ފުން ކަނޑެއް"ގެ ވާހަކައެވެ. މިގޮތަށް މި ރާއްޖޭގައި ވަރަށް ގިނަ ކުދިން ތިބޭނެކަން ހަމަ ޔަގީނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ނަސޭހަތަކީ އެއްވެސް ކުއްޖެއް ނުވަތަ މީހެއްގެ ގައިގައި ހުންނަ ސިފައަކުން އެފަދަ ފަރާތްތަކަށް ފުރައްސާރަކޮށް ހަގާ ކުރުން ހުއްޓާލުމެވެ. އެކަން އެގޮތަށް ކުރުން ނުހުއްޓިއްޖެނަމަ، ފަހުން އެކަން ކުރާ މީހާއަށް ވެސް ދެރަ އާއި ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

_______________________________________________

ޅ. އަތޮޅަށް "ވަގުތު" އިން ކުރަމުން އަންނަ "ހޭރިޔާ" ދަތުރަކީ, މި އަތޮޅާއި ގުޅޭ ގިނަ މަޢުލޫމާތު ހޯދައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ކުރިޔަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ރަށްރަށުގެ ޢާންމު ހާލަތާއި, ސަގާފީ, އިޖުތިމާޢީ އަދި ތާރީޚީ މަޢުލޫމާތުތަކުގެ އިތުރުން ރަށްރަށުގެ ޚާއްސަ ކަންކަމާއި ގުޅޭ ވާހަކަތަކާއި ޕްރޮފައިލްތައް ގެނެސްދެމުން ދާނެއެވެ. "ހޭރިޔާ" އާއި މަޢުލޫމާތު ޙިއްސާ ކުރަން ބޭނުންވާ ފަރާތްތަކުން 9500101 ނަމްބަރު ފޯނަށް ގުޅުމަށް "ވަގުތު" އިން އެދެއެވެ. "ވަގުތު ހޭރިޔާ" އިން ޅ. އަތޮޅަށް ކުރާ ދަތުރު ސްޕޮންސާ ކޮށްފައިވަނީ, އާރެސް, ފޭންސީ ފުޑްސް އަދި އެންޒީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާދީ

    ކަލޯއަށް ފުރައްސާރަ ކުރީ ބީތާއިން، އެމީހުންގެ މޮޔަކަމާއި ބީތާކަން މާބޮޑު....

    16
  2. ނަޖީ

    އަސްތަ އަސްތާ މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޢާއްމު ވަބާއެއް ނުވަތަ ބަލާއެއް މިކަންކަން ގިނައިން ކޮށްއުޅޭ މީހުނަކީ ވަރަށް ނުބައިނުލަފާ ގޮތްކުޑަ ލަދުޙަޔާތް ކުޑަ އަދި އިންސާނިއްޔަތު ފިކުރަށްވުރެ ޖަނަވާރުފިކުރުގެ ޖާހިލުން ކޮށްއުޅޭ ލާއިންސާނީ ކަމެއް
    އެއީ މިސާލަކަށް މީހަކު އައުރަ ނީވާގޮތަށް ދިގުކޮށް ހެދުމެއް ލައިގެން އުޅުނަސް މިބުނާ ޖާހިލުންނަކަށް އެކަމެއްވެސް ރަނގަޅެއްނޫން އެކަމާވެސް ފުރައްސާރަކޮށް ދިމާކޮށް ނަފުސާނީގޮތުން ބަލިކަށިކޮށްފާނެ އަދިހަމަ ޤުދުރަތީގޮތުން މީހެއްގައިގަ ހުރި އުނިސިފައަކަށް ނުވަތަ ހުރިކުލައަކަށް އެހެންނޫނީ ޖެހިފައިވާ ބަލިމަޑުކަމަކާ ގުޅުވައިގެން ދިމާކޮށް ފުރައްސާރަކޮށް އެކަމަކީ ޚާލިޤްވަންތަ ކަލާންގެ ކަޅަދުންވަންތަ ކަމެއްކަމަށްވެސް މިބުނާ ޖާހިލުން ހަނދާމެއް ނުވާހެންވެސް ހީވާކަހަލަ

  3. އަލީ

    ފުރަށްސާރަ ގިނަފަހަރަށް މީހުންނަށް ކުރަނީ އެންމެ ނުކުޅެދޭ މީހުން. އެއްވެސްމީހަކަށް ތިމާ މީހާ ގައިގަ ހުުންނަ އުނިސިފައެއް ނުފެންނާނެ. ކޮންމެ މީހަކީވެސް ކޮންމެސް އައިބެއް ނުވަތަ އުނިސިފައެއް ހުންނާނެ މީހެއް.