އދ. ދިގުރަށުގައި ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ ވިހެއި އިރު މަރުނުވާކަން ހާމަވެއްޖެއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ އެ ކުއްޖާ ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. ކުއްޖާ ފެނުނުއިރު އޮތީ ނިޔާވެފައެވެ. އެކުއްޖާގެ ހަށިގަނޑު އެރޭ މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ވަނީ ލާފައެވެ.

އޭގެ ފަހުން ޑިސެމްބަރު 16 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު އެ މަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ.

މި މައްސައަިލގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު މި މައްސަލައިގައި ސްރީލަންކާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "ވަގުތު"އަށް ބުނީ ކުއްޖާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ހާމަވާ ގޮތުގައި ކުއްޖާ ދުނިޔެއަށް އުފަންވި އިރު ފުރާނަ ހުރި ކަމަށެވެ. އަދި ކުއްޖާ މަރުވި އަސްލު ސަބަބު އޭގައި ހާމަކޮށްފައިނުވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ޕޯސްޓު މޯތަމްގެ ދާއިމީ ރިޕޯޓު ލިބުމުން އެކަން އެނގޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެ ކުއްޖާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

ދިގުރަށު ކައުންސިލުން މައުލޫމާތުދިން ގޮތުގައި އެކުއްޖާ ފެނުނީ އެރަށު ގެސްޓު ހައުސަކުން ނެރުނު ކުނި ކޮތަޅެއްގެ ތެރެއިންނެވެ. އެހެންނަނަމަވެސް އެއްވެސް އަނިޔާގެ ނިޝާނެއް ހަށިގަނޑުގައި ފެންނާކަށް ނެތް ނަމަވެސް އެ ކުއްޖާ މަރާލީ ނޭވާ ހާސްކޮށްގެން ކަމުގެ އަޑުތައް ރަށުތެރޭ ވަނީ ފެތުރިފައެވެ. އަދި އެ އަންހެންމީހާ އަކީ ގަޔަށް ދޫކޮށް އޮންނަ ހެދުންލާ މީހެއް ކަމުން ބަނޑު ބޮޑުކަމެއް ގެސްޓު ހައުސްގެ މީހުންނަށްވެސް ނޭނގޭ ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ.

ރަށު މީހުން ބުނާގޮތުން އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ސިއްޚަތު ރަނގަޅަށް އޮތް ބޮޑު ކުއްޖެކެވެ. ބަރުދަނުގައި 3.5 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރަށު މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަންބަންޓޯޓާ

    ތި ބުލިސް އަކީ ދިގުރަށަށްޖެހިފަ އޮތް ބޮޑު ބަލާވެރިކަމެއް