އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަނުން އެކަށީގެންވާ ފުރިހަމަ ހިދުމަތެއް ނުލިބޭތީ އެ ކުންފުނި ޕްރައިވަޓައިޒް ކުރަން ޖެހޭ ކަމަށާއި ސަރުކާރުން އެ ކުންފުނި ވިއްކާލާ ނަމަ، ގަންނަން ވެސް ތައްޔާރަށް އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ކުރޫންނަށް ޖާބިރު، އަވަގުރާނަ ގޮވި ވީޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ރިސޯޓެއް ކައިރީގައި އޮތް ޕްލެޓްފޯމެއްގައި ޖައްސާފައި އޮތް ސީޕްލޭންގެ ކުރޫއިންނަށް ޖާބިރު އަވަގުރާނަ ގޮވަމުންދިޔަ މަންޒަރެވެ.

އަވަގުރާނަ ގޮވި މައްސަލަ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އެތަނުގެ މުވައްޒަފުންނަށް ހުތުރު ބަހުން ފުރައްސާރަކުރި މައްސަލަ ފުުލުހުންނަށް ހުށަހަޅާފައި ވާއިރު މޯލްޑިވިއަން އިން ވެސް ޖާބިރާ މެދު އަމަލުކުރާނެ ގޮތެއް ތަހުގީގަށް ފަހު ނިންމާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅިގެން ޖާބިރު "ވަގުތަށް" މިއަދު ވިދާޅުވީ 13،000 ޑޮލަރު ހަރަދުކޮށް ޗާޓަރުކޮށްގެން މޯލްޑިވިއަންގެ ސީޕްލޭންގައި ދަތުރުތައް ކުރަން ބޭނުން ވަނީ ދަތުރަށް ހޭދަވާ ކުޑަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާރުމިނުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އެކަމަކު، ޗާޓަރު ފްލައިޓެއް ނެގުމަށް ފަހު، ހިދުމަތް ނުދީ، ދާންވާ ތަން ކެޕްޓަނަށް ނޭނގި ޓައިމް ޝެޑިއުލްނުކޮށް ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް މޯލްޑިވިއަންގެ ބައެއް ކްރޫއިން އަމަލުކުރަމުންދާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ވީއައިޕީ ފްލައިޓެއް ކަމަށް ބުނި ކަމުގައި ވިޔަސް، އެ ފްލައިޓުން އެއްވެސް ކަހަލަ ވީއައިޕީ ހިދުމަތެއް ވެސް ނުލިބޭ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

"އެހެންވީމަ އައިލެންޑް އޭވިއޭޝަން ކަހަލަ ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިނާރައިގެން މިއުޅެނީ. ނުލާހިކު ދަރަނީގެ މިއޮތީ. އެމީހުން ނުބައިކޮށް ކަންތައްކޮށްފައި ކަސްޓަމަރު މައްސަލަ ޖެއްސީމަ، ކަސްޓަމަރުގެ އަގު ވައްޓާލައި އަޅުގަނޑަށް މޯލްޑިވިއަންގައި ދަތުރު ނުކުރެވޭ ގޮތަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަހެއް ވެސް ނުހޯދާ އަޅުގަނޑުގެ އަގު ވައްޓާލީ މީޑިއާގައި. އެހެންވެ އަޅުގަނޑު ހިތަށް ތަދުވެއްޖެ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އަމިއްލަ އެއާލައިންތަކުގެ ތެރެއިން މަންތާ އެއާ ފަދަ އެއާލައިންތަކުގައި ސާވިސް ވަރަށް ރަނގަޅެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

"ސާވިސް ނުދެވޭ ކަމަށްވާ ނަމަ، ޕްރައިވަޓައިޒް ކުރަންވީ ނޫންތޯ ކުންފުނިތައް؟ އަޅުގަނޑު މިއީ ރައީސަށް ތާއީދުކޮށްގެން ހުންނަ މީހެއް. އައިލެންޑް އޭވިއޭޝަން ވިއްކާލަން ވީނުންތޯ ޓޫރިޒަމް އިންޑަސްޓްރީން އަޅުގަނޑުމެން ކަހަލަ މީހަކަށް؟ އަޅުގަނޑުމެން މިތިބީ ގަންނަން،" އިޓަލީގެ ބައެއް ވިޔަފާރިވެރިން ވެސް އޭނާގެ ފަހަތުގައި ތިބި ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު، އއ. މާގާ ވެސް ބައްލަވައިގެންފި

ޖާބިރު ދާދި ފަހުން ވަނީ އއ. މާގާ އާއި ނ. ތަނބުރުދޫ ބައްލަވައިގަނެ، އެ ދެ ރަށުގައި މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރެއްވުމުގެ މަސައްކަތް ވެސް ފައްޓަވައިފައެވެ. ޖާބިރަކީ މީގެކުރިން ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުން ފަޅު ރަށްތައް ބައްލަވައިގަނެ، އެ ތަންތަނުގައި ރިސޯޓު ތަރައްގީ ކުރައްވާ ވިޔަފާރިވެރިއެކެވެ. އެ ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެއްވުމަށް ފަހުގައި އޭނާ އެ ތަންތަން ބޮޑު އަގުގައި ވިއްކަވާފައި ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަގުވައްޓާލިއްޔޭ؟

    އަދެ ޖާބިރު ވަރުގެ ޢަބުރުވެރިޔަކު މުޅި ދުނިޔޭގައި ވެސް ނުހުންނާނެ އެވެ.

  2. އަލް އަމީނު

    އެދިފައިވާ ގޮތަށް ކުންފުނި ވިއްކާލަން މިހިރީ ތައްޔާރަށް! ލޮލީފަދަ ބޭފުޅަކަށް މިހާ ކުޑަ ކުޑަ ކުންފުއްޏެއް ގަންނަން ބޭނުން ފުޅު ވެއްޖެނަމަ ގަތުމަކީ ކުޑަކުޑަ ފެން ފޮދެއްކަހަލަ ކަމެއް! ފަޓުލޫނު ޖީބު ކޮޅުގެ ކަނުގައި ވެސް ގަނެވޭވަރުގެ ލާރިކޮޅެއް އޮވެދާނެ

  3. މަރިޔަ

    ޢުޕް ޖާބެ ހިތަށް ތަދުވެއްޖޯ

  4. އަހްމަދު

    މަނިކުފާނު މޯލްޑިވިއަން ގަންނާނެކަމެއްނެތް މަނިކުފާނު އެއަރލައިނެއް އުފައްދަވަންވީ އޭރުން މަނިކުފާނުބޭނުންގޮތަކަށް ވަގުތުން ވަގުތައް އޮޕްރޭޓް ކުރެވޭނެ

  5. އަޅި އަލީ

    ފަހުގެ ތާރީހެއްގަ ޖާބިރު އަށް ލިބިފައޮން ރަށެއްގަ ތަރައްގީ ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިނގާ! ބޮޑު މޮހޮރާ އޮތީ އޮތް ގޮތަށް! މާލެ އަތޮޅު ދެރަށެއްގަ ގެސްޓް ހައުސްއެއް މަރާމާތު ކޮއްލައިގެން އެބަ ހިންގާ! ރަނަގޅު ކުރީގަ 2 ރަިސޯޓް ވިއްކައިގެން ލާރި ލިބުން!

  6. ހަވާސާ ހަމީދު

    ރާބޮއިގެން މަގުމަތީގައި ރޯއަވަގުރާނަ ގޮވައި އުޅޭއިރުވެސް ފުލުހުންނަށް މީނާޔަށް ފިޔަވަޅެއްނޭޅޭ މިގައުމުގައި އުޅެންވީ ވަގުންނާއި ރާބޯމީހުންނާއި ގޭންގުމާސްޓަރުން މީ 200% އިސްލާމީ ގައުމެކޯ!

  7. ކަށިކެޔޮ އާދަނު

    ކޮންމެމީހެއްގެވެސް އޮންނާނެ ތަސައްވުރެއް.. ބައެއްހާލަތްތަކުގަ ޚިޔާލީފޮލާ އަނެއްބައިހާލަތްތަކުގަ ދެކޭހުވަފެނެއް. ޖާބިރުވެސް ވަރަށްގިނަ ޕުލޭންތަކެއްކުރަހައިފި. ކޭބަލްކާރުދުއްވަންވެސްއުޅެފި. ހުވަދޫކަނޑުހުރަސްކޮށް ބުރިޖެއްއެޅިދާނެތޯ އިންޖިނޭރުންނާ މަޝްވަރާވެސްކޮށްފި..