އެމްޑީޕީން މިދިޔަ ފަސް އަހަރު ވެރިކަން ކުރީ މެނިފެސްޓޯޯއާ ދިމާ އިދިކޮޅަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ދަ ޑިމޮކްރަޓްސްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދައުރު ނިންމާލީވެސް ވައުދުވި ކަންކަމާ ހިލާފުވެގެން ކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގައި ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ބަދަލުތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަން ފެށި ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ވެށިފަހި މާލެ ޕްރޮގްރާމް ހިންގުމަށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ވޭތުވެދިޔަ ސަރުކާރަކުން މާލޭގައި ހިންގާފައެއް ނެތް. އެހެންވީމާ 2019، 2020 އަދި 2021 ވަނަ އަހަރު ވެސް ބޯހިޔާވަހިކަމުގެ ސިޔާސަތެއް ނެތުނީ. އިންތިޚާބަށް ކުޑަ ދުވަސްކޮޅެއްވީމާ މިއީ ބޯހިޔާވަހިކަމޭ ކިޔާ ތަންތަން ދޫކުރަން ފެށީ. އެއީ ސިހުރެއް އޭރު ވެސް އަޅުގަނޑުމެން ދެންނެވިން. އެންމެ ފަހުން ބަލާލިއިރު ބޯހިޔާވަހިކަން ދީފައި އޮތީ ނަރުދަމާ މަތީގައި. ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ" ނަޝީދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން އެންމެ ފަހު ވަގުތު އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ދިޔަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާޅުގަނޑު ސަރަހައްދުގައި ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައިވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންވީ އިހުމާލުކަމަށާއި އެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރުކޮށް، މައްސަލާގައި ހިމެނޭ އެހެން އެންމެން ދޫކޮށްލި ކަމަށެވެ.

މީގެއިތުރުން ކޮވިޑްގެ ނުރައްކަލުގެ ހާލަތުގައިވެސް ފަރުވާއަށް ހޯދަން ބުނި ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ވެސް ބޮޑު އިހުމާލެއް ކަމަށާއި ކުރީ ސަރުކާރުން އެ މައްސަލަ ވެސް ނުބަލާ ދޫކޮށްލި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނޫނީ

    %100 ވާހަކައެއް މާލޭގެ ދަފްތަރުގަ ތިބި މީހުންގެ ހައްގުތަކަަށް ވަނީ އަރަައިގެންފަ ގޯއްޗާ ފުލެޓްތައް މޑޕ ބޮޑުންނަށް ބަހާލާފަ އަހަރެމެން ދަފްތަރު ތިބި މީހުން ބާކީކޮށްފަ ވޯޓްހޯދަންވީމަ މާލޭމީހުނަައް ވެފަ މިފަހަރު ރަނގަޅައް މޑޕ އަށް ދަފްތަރުމީހުނަށް ދިން އަނިޔާގެ ރަހަ މޑޕ ކަރުބުޑުލައްވާލާނަން ވޯޓުން ދަފްތަރުގަ ތިބި އެއްވެސް ރައްޔިތަކު މޑޕ އޭމިކިޔާ ފޭރޭ މުނާފިގުންނަށް ވޯޓުނުލާނެ

    15
    3
  2. ޙެހެހ

    މީނަ ޒިންމާ ނަގަން ނުޖެހޭނެބާ ، 68 މެމްބަރުން ގޮވާގެން މަޖިލީހުގައި ކީއްތޯކުރީ ، ޕާޓީގެ ޕްރީމަރީ އައުމުގެ ކުރިން މަޖިލީހުގައި ތިފަދަ އެއްވެސް ވާހަކައެއް ދެންނެވިންތޯ ؟؟؟ ކޮއްކޯފުޅު ސަލާމަތްކުރުން އުޅުނީ މެނިފެސްޓޯގައި އޮތްގޮތަށް ތޯ !!!

    7
    2
  3. އަމަލު

    ނަޝީދު ބޭރުކޮއްފަ ފައްޔާޒުމެން އެމްޑީޕީ ޖަހާގަނެގެން ކުރެވުނީ ކޮންކަމެއްތޯ؟
    ކޮންމެ ފަހަރަކު އެމްޑީޕީ ސަރުކާރުގަ މާތޮޑާ އަސްލަމް ، ފެނަކަ ސައީދު ، އަކުރަމް ކަމާލުއްދީންމެނަށް ކޮންކަމެއްތޯ ހަމަމަގުން ރައްޔަތުންނަށް ކުރެވުނީ؟ ވަރަށް ކޮރަޕްޓް. މިމީހުނާހެދި އެމްޑީޕީމަތިން ފޫހިވެއްޖެ.

    12
    2
  4. ނާޝީދު އައުޓް، އީވާ އައުޓް

    ޓައިގެ ކުލަ ބަދަލުކޮއްލީމަ ނަޝީދާއި އީވާމެން ހުދު ކާފޫރަށް ވީތޯ ދެން. އެމްޑީޕީ ހުރިހާ ޖަރީމާއެއް ހިންގިއިރު އެކަން ހުއްޓުވަން ނޫޅެ، ބޮޑުވަޒީރަށް ނުވެވިގެން ނަޝީދު އުޅުނީ، ނަޝީދަކީ އަސްލު ވެރިކަމަށް ދަހިވެތިވާ މީހަކަށް ވާތީ. މިފަހަރު ވޯޓުދޭނީ އަސްލު ހެޔޮ ވެރިކަން ކުރައްވާ ފަރާތަށް. އެއީ މުއިއްޒު.

    8
    1
  5. މަމީކާކު؟

    މަމީ ކުރީސަރުކާރުގަ މަޖްލިސްގެ ރައީސް ހަމައެސަރުކާރުން ހިންގި ހުރިހާކަމެއްވެސް މަޖްލިހުގަ ހިންގީ މަގޭވެސް ބައިވެރިވުމާއެކު އެކަމަކު މަގޭޒިންމާއެއް ނެތް

    8
    1
  6. ސަރަފަކައްދަ

    މަނިކުފާނޫ މޮޔަފުޅު ވީތޯ މިހާރު!

    5
    1
  7. ޒުވާނާ

    ނަސީދޫ ލަދެއްނުގަނޭތަ މޑޕ އޭކިޔައިގެން އަނގަހުޅުވަން ބަލަތިބޭފުޅާ ޕާޓީނވަކިވިފަހުން ޢަދި އެޕާޓީއަކައް އެއްކަމެއްވެސް ނުކުރެވޭ ވީމާ މެނިފެސްޓޯއާ ދިމާއިދިކޮޅައް ކަންކުރީ ތިބޭފުޅާގެ މެނޭޖަރުކަމުގަ ނުންތޯ ރައްޔިތުން ވިސްނަންވާނެ އަމިއްލަފުޅައް އިއުތިރާފުއެވީ މެނިފެސްޓޮއާ އިދިކޮޅައްކަން ހުރިހާކަމެއްވެސް ކުރީ ވީމާ ނަސީދައް ވޯޓުދިނުން ރަނގަޅެއްނޫން ވީއެއްމެ އަވަހަކައް އިތިއޯޕިއާ އުގަންޑާ ގާނާ ޢެނގޯލާ ކެންޔާ މިއިންދިމާލަކައް ފުރާވަޑައިގަންނަވާ

  8. މަޗާ

    މިހާރު ތި ދެކެވޭ ވާހަކަ 100

    2
    1
  9. އޭނާ

    ބޯހިޔާވަހިކަމުގެ މަޝްރޫއުގެނަން ކޮންމެސަރުކާރަކުން އަޅުވަނީ މާލޭސިޓީގަދިރިއުޅޭމީހުންގެބޮލުގަ. އެކަމަކު މަޝްރޫއުނިމިގެން ތަންހަވާލުކުރަންވީމަ ވަރިހަމަދުވަހަކު މާލެއައްދިރިއުޅުން ބަދަލުނުކުރާމީހެއްވިއަސް ހަމަޝަރުތުހަމަވެ. އެހެންވީމަ މީގެއެނގޭއެއްޗަކީ ފުލެޓްތަކަކީ އޭރެއްގަވެރިކަމުގަ ތިބޭބައެއްގެ މެދުގައި ބަހާލަންލިބޭ ސިޔާސީ ޢަނީމާމުދަލެއްކަން. ހިޔާފުލެޓްގަވެސް އެތަންތަންލިބުނު އަސްލުވެރިފަރާތް ދިރިއުޅެނީކިތައް ފުލެޓްގަތޯ. އެކަމަކުދިރިއުޅޭނެތަނެއނެތިގެން ޝަރުހަމަވެގެން ތަންލިބެނީ. މީގެއިތުރުން ފިރިމީހާއައް ފޮލެޓްލިބިފަހުއްޓާ އަނބިމީހާއްއަށް ޝަރުތުހަމަވަނީކިހިނެއްތޯ. ހުރިހާކަމެއްވެސްހުންނަނީ މަކަރާއިހިލަތްހެދޭގޮތައް. ފިރިމީހާއައްފޮލެޓްލިބިފަހުރިކަމައްވަނޏާ އަނބިމީހާގެ ފޯމް ބަލައިގަނެގެންނުވާނެ. މަކަރާހިލަތްހަދަނީ އެކަމައް ހައުސިންމިނިސްޓްރީތެރެއިން މިދެންނެވިގޮތައް ޖާގަދީފައޮންނާތީ. އަދުލުވެރިވެރިކަމެއްކުރެވޭނީ ހުރިހާދިމާލެއްގަހުރި މިފަދަބާގަނޑުތައް ބައްދައިގެން..

    5
    1
  10. ކިރާމް

    އެމް.ޑީ.ޕީގެ ބާރު ރައީސްް ނަޝީދު އަށް އޮތް އިރު އެޕާރޓީން ރައްޔިތުންގެ ފައިދާއަށް ކަންތައް ކުރި.
    މިހާރުވެސް މިޤައުމުގެ ގިނަގުނަ ރައްޔިތުންނަށް ދައުލަތުން ލިބެމުންދާ މާލީ އެހީތެރިކަމާއި ތަނަވަސްކަމަކީ ރައީސް ނަޝީދު ހަމަޖައްސައިދިން ކަންތައްތައް. އެކަންތައްތައް ދުވަހަކުވެސް ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދާނެ. އެމް.އެމް.ޕީ އާރު.ސީގެ މަސްއަލަ ބެލުމަށް މަޖިލީހުގައި ރައީސް ނަޝީދު ވާހަކަ ދެއްކި.އަދި ދެންކުރި ވައްކަމުގެ ވާހަކަވެސް ދެއްކި. އެކަން ނުބެލީ އެމް.ޑީ.ޕީގެ ގިނަ މެމްބަރުން އޭނާގެ ކޮޅަށް ލައިގެން އެމް.ޑީ.ޕީގެ ބާރު ނަގައިގެންހުރި މިޤައުމުގެ އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް. މިޙަޤީޤަތް އޮޅުވާލަން އުޅުނަސް މިކަން އޮޅުވާ ނުލެވޭނެ.