އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މިދިޔަ ރަމަޟާން މަހު އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ހަމަޖެހިފައިވާ މީހުން އަނެއްކާވެސް މައްކާގައި ތާށިވެއްޖެއެވެ.

އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 39 މީހުން އެއާޕޯޓަށް ގަޑިއަށް ނުދެވުމުގެ ސަބަބުން މާލެ ނާދެވިފައިވާ ކަމަށެވެ. އެ މީހުންނަށް ކަނޑައެޅިފައިވާ ވަގުތައް އެއާޕޯޓަށް ނުދެވުނީ ބަސް ހޮޓަލަށް އައުން ލަސްވުމާއި، ޖިއްދާ އެއާޕޯޓްގެ ސެކިއުރިޓީގެ ކަންކަމުގައި ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން ކަމަށް ވެސް ވަނީ ބުނެފައެވެ. އެ މީހުން މާލެއައުމަށް ހަމަޖެހިފައި އޮތީ ސައުދިއާ އެއާލައިނުންނެވެ.

ފުރުން ލަސްވުމުގެ ސަބަބުން ގްރޫޕްގެ ފަރާތުން ވަނީ ދަތުރު ނިމުމާއި ހަމައަށް މައްކާގައި އުމްރާވެރިން ތިބޭ މުއްދަތުގައި ކެއުމާއި ތިބުމުގެ އިންތިޒާމްތައް އެއްވެސް ހަރަދަކާއި ނުލައި ހަމަޖައްސާފައިވާ ކަަމަށް ބުނެފައެވެ.

އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މި ރަމަޟާންމަހު ޢުމްރާއަށް ދިޔަ މީހުން

ހޮޓަލަށް ބަސް އައުން ލަސްވުމުގެ ސަބަބުން ހުމާލުވި ފަރާތްތައް ޒިންމާދާރު ކުރުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. ބުރޫޖުން ބުނިގޮތުގައި އުމްރާވެރިންނަށް ދެން ރާއްޖެ އައުމަށް ޓިކެޓް ހަމަޖެހިފައި ވަނީ އެއް ހަފުތާފަހުން، މި މަހު 26 ގައެވެ.

މީގެއިތުރުން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެމިރޭޓްސްއިން މާލެ އައުމަށް ހަމަޖެހިފައިވާ 27 މީހުންނަށް ވެސް ދުބާއީ އެއެއާޕޯޓްގައި ފެންބޮޑުވެ އެއާޕޯޓް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފުރޭގޮތް ނުވެ ވާކަމަށް އެ ގްރޫޕުން ބުންޏެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ ޢުމްރާވެރިން މިވަގުތު ތިބީ ޖިއްދާގައި އެއަރލައިންގެ ޚަރަދުގައި ބައިތިއްބާފައި ތިބި ހޮޓަލެއްގައިކަމަށް ބަޔާނުގައިވެއެވެ.

މި ގްރޫޕްގެ ހަވާލުގައި މި ރަމަޟާންމަހު 150 މީހުން ވަނީ އުމްރާއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރަފަކައްދަ

    މިކަހަލަ ކޫސަނި ކަންތައްތައް ދިމާވާތީ އެއްވެސް އަމިއްލަ ބަޔަކަށް ޙައްޖާއި އުމްރާގެ އަލުކަން ކުރަން ހުއްދަ ނުދޭންވީ ސަބަބު! ނަމަވެސް ދަޢުލަތުގެ މަތީ ފަޑީގައި ތިބޭ ބަޔަކާއި ގުލިގެން މިފަދަ އެތައް ބައެއް ޖަރީމާ ހިންގަޔޯ މި ރަށުތެރޭގައި ކިޔާ އަޑު އަހަނމު!

  2. ހައްގު

    ވޯޓު ލުމުގެ ހައްގުވެސް ގެއްލުނީ