މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު ލިބޭނެ ކަމަށް "ވަގުތު"ން ކުރިއަށް ގެންދިޔަ ސާވޭ އިން ދައްކައިފިއެވެ.

"ވަގުތު"ން ކޮންމެ އިންތިހާބަކާ ދިމާކޮށް ކުރިއަށް ގެންދާ ސާވޭގެ ތެރެއިން މިފަހަރުގެ މަޖިލިސް އިންތިހާބާއި ދިމާކޮށް ގައްދޫ ދާއިރާގައި ކުރިއަށް ގެންދިޔަ ސާވޭގައި 681 މީހުން ބައިވެރިވެފައިވެއެވެ. އެއީ މުޅި ރަށަށް ބަލާނަމަ، ވޯޓު ލެވޭ މީހުންގެ %19.71 އެވެ. ގައްދޫ ދާއިރާއަށް ވޯޓުލެވޭ މީހުންގެ އާބާދީއަކީ 3،455 މީހުންނެވެ.

މި ދާއިރާއަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ އާއި އެމްޑީޕީގެ ކެންޑިޑޭޓު، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި މިހާރުގެ ވެސް މެމްބަރު އަހުމަދު ޒާހިރާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޝަހްބާދެވެ.

"ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރި މީހުންގެ ތެރެއިން ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަލީ އަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 214 މީހުންނެވެ. އެއީ %31.4 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ މިހާރުގެ މެމްބަރު އަހުމަދު ޒާހިރަށެވެ. އޭނާ އަށް ވޯޓު ދޭނެ ކަމަށް 178 މީހުން ބުނެފައިވެއެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ %26.1 މީހުންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓު ސައީދަށެވެ. ސައީދަށް ވޯޓު ދޭނެ ކަމަށް 174 މީހުން ބުނެފައިވެއެވެ. އެއީ ސާވޭގައި ބައިވެރިވި %25.6 މީހުންނެވެ. ހަތަރު ވަނަ އަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެވެ. އޭނާ އަށް ވޯޓު ދޭނެ ކަމަށް ބުނެފައިވައި ވަނީ 115 މީހުންނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ %16.9 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައްދޫ

    ގައްދޫ ވާދޫ ގެ ތަރައްގީ މަޖިލިސްތެރެއިން ހުއްޓުވަނެ އިދިކޮޑު ކެންޑިޑޭޓުން ނަށް ފުރުސަތުނުދެމާ! ސަރުކާރު ކެންޑިޑޭޓް ވޯޓު 1 އަށް ލާ،