މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ގުޅޭގޮތުން އުއްމީދީ ޖަވާބުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ މަޝްރޫއުތަކަށް އެންމެ އިސްކަންދެއްވައިގެން، ބާރު ދުވެލީގައި، ރަނގަޅު ނަތީޖާ ނެރެވޭނެގޮތަށް ކުރިއަށްގެންގޮސް ނިންމަވަން ބޭނުންފުޅުވާ ކަމަށާއި، އެފަދަ މަސައްކަތްތައް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާ ކަމަށެވެ.

ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވަނީ ވަކިވަކީން ކޮންމެ ސަރަހައްދެއްގެވެސް މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވައި، އެތަންތަނުގައި ތަރައްގީކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ފުރިހަމަ ކުރެވޭނެކަމަށް ބެލެވޭ ތާރީހުތައް ޙިއްޞާކުރައްވާފައެވެ. އަދި މި ތިން ސަރަހައްދުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް އެމަނިކުފާނު ނޫސްވެރިންނާ ހިއްސާ ކުރައްވާފައި ވެއެވެ.

އެގޮތުން ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ބައްލަވާލައްވައި ރައީސް ވިދާޅުވީ ގުޅީފަޅުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ވަރަށްވުރެ 3 މަސްދުވަސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަަމަށެވެ.

ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

އަދި ގިރާވަރުފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި، އަދި މި މަސައްކަތްވެސް އަވަސް ކުރުމަށް ޑްރެޖަރު އިތުރުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިން ހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ބާރު ދުވެލީގައި ކުރިއަށް ދާކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާރު ބިން ހިއްކުމަށް ނިންމާފައިވާ "ފުލް ސްކޯޕް"ގައި ގިނަވެގެން 4 މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖާ

    ޝުކުރިއްޔާ ރައީސް

  2. Anonymous

    ބިވެރިޔާ 2 ގެ ދަށުން ފޯމް ހުށަހެޅި މީހުނަށް ގޯތި ލިބޭނީ ކޮން އިރަކުތޯ !