ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ދިވެހިން ބޭނުންވަނީ އަމިއްލައަށް ކަންކަން ނިންމަންކަން ސާފްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ދިވެހިން ނިންމި ނިންމުން މިހާރު ބޭރުގެ ފަރާތްތަކަށް ސާފް ވާނެ ކަމަށެވެ.

"ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށްވެސް މިހާރު ސާފްވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ޔަގީންވޭ، ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން، އަޅުގަނޑުމެންމީ ފަހުރުވެރި ދިވެހި ގައުމެއް. އަޅުގަނޑުމެންނަކީ މިނިވަން ކަމަށް ލޯބި ކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށްވެސް، މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީ ހުރިހާ ފަރާތްތަކަށްވެސް ސާފްވާން ވާނެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުަގަނޑުމެންގެ އަމިއްލައަށް ކަންކަން ނިންމަންކަން، މުހިންމީ ދިވެހީންގެ ކަންކަން ދިވެހިން ބަސް ބުނެ، ދިވެހިން ބޭނުންވާ ގޮތަކަށް ކުރަންކަން މިހާރު ސާފް ވާނެ،" ރައީސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަދަށް ދޫކޮށްލާ، ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމުގެ ވައުދު ތާއަބަދަށް މި ގައުމުގައި ފުއްދިގެން ދާނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ ހަލާކުވަމުން ނެތިވަމުން ދިޔަ، އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް، މި ފަސް މަހު ކުރެވުނު މަސައްކަތް ހަގީގަތުގައި ވަރަށް ގިނަ، އެހެން ނަމަވެސް ދެން ރައްޔިތުންގެ މަޖިލީސް ތެރެއިން އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ، ފުރިހަމަ ކުރުމާއި އެކީގައި އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ފުރިހަމަ ކޮށްދިނުމަށް ކުރާ ބުރަ މަސައްކަތް ކޮށްދިނުން، އެކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފަނާއި ޓީމަކީ ބަހަނާ ދައްކާ ބައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެންނަކީ އިހުލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރަން ތިބި ބައެއް ކަމަށެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"ރައްޔިތުން މުޅި ގައުމު އެކައްޗަށް ކިޔާ، މި ދިން މެސެޖަކީ ތިމަންނަމެން ދެން ބޭނުންވަނީ ވާހަކަދެއްކުމެއް ނޫނޭ، އަމަލުން ކަން ކުރުންށޭ، ދެން ފެންނާނީ އަމަލުން ކަން ކުރާތަން،" ރައީސް ވިދާޅުވިއެވެ.

މި ގައުމަކީ ފަހުރުވެރިވާ ފަދަ، އެންމެންނަށްވެސް ހެޔޮގޮތްވެ، ދަރިންނަށާއި ދަރިންގެ ދަރިންނަށް އަދި ދެން އެ ދަރިންގެ ދަރިންނަށްވެސް އުފާފަގަތިކަން ގެނެސްދިނުމުގެ އަމަލީ މަސައްކަތް ދެން ފެނިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން އެދޭ މިންވަރުގައި، އެ ގިޔަރުގައި އެ މަތީ ސްޕީޑްގައި، މަސައްކަތް ކުރުމުގައި، މި ގައުމުގައި ހަމަޖެހުން ހުރިހާ މާނައެއް ގާއިމްކޮށް، ރަައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުމުގައި ހުރިހާ މާނައެެއްގައި ގެނެސްދިނުމުގައި ދެން ދާނީ ބާރު ސްޕީޑްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވޯޓުނޫޓު

    ދިވެހިންގެ ތެރެއިން ވޯޓުލާ ގިނަ މީހުންނަކީ އަމިއްލައަށް ކަންކަން ނިންމުމަށް ވުރެ ފައިސާއަށް ކަންކަން ނިންމާ ބައެއް، ފައިސާ ދޭވަރު ގިނަވީވަރަކަށް ފާހަގަ ޖަހާ ހޮވާނެ ދެން ހެހެހެހޭހޭ އެ ހަލާލުތޯ

    3
    4
  2. ހަސަން

    ދެންއޮތީ ރައީސްގެ ތެދުވެރިކަމާއި ޤާބިލްކަން ސާބިތުކޮށްދިނުން!

    6
    1
  3. ފުސްވިލާ

    ގެރިމޯދ ގެ ކެމްޕެއިންޓީމަށް ފައްޔާޒުމެން ކަހަލަ ނިދިބުރާންތިކައިފަ ތިބި މީހުން ފޮނުވަބަލަ އިބޫ. އެތަނުންވެސް ރުޕީސްކޮޅެއް ލިބިދާނެ.

    3
    1
  4. އާދަމްޢަލީ

    ސަރުކާރުހިންގާ ކޯލިޝަނުން ރައްޔިތުންމަޖްލިސް އިންތިޚާބުގަ
    ތިޔަހޯއްދެވި ފަޚުރުވެރި ތާރީޚި ކާމިޔާބައްޓަކާ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަށާއި މަޖްލިސްކާމިޔާބުކުރެއްވި ހުރިހާމެމްބަރުންނައް މަރުހަބާ ދަންނަވަން ދުޢާއަކީ މަނިކުފާނުންގެ ޒަޢާމަތުގަ މިދިވެހިރާއްޖެ ތަރައްޤީވެ ކުރިއަރައިދިއުން