ހދ. ވައިކަރަދޫ ފަޅުތެރޭގައި މުށި މަސްތައް މަރުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަމުން ގެންދަވާ ކަމަށް ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލައާ ގުޅިގެން ކައުންސިލްގެ ރައީސް، އަބްދުﷲ ޒާމިރްއާ ވާހަކަ ދައްކާ ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން ކުރަމުން ގެންދަވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު އެއްކުރެއްވި ކަމަށެވެ. އަދި އަދި ކަމާއި ގުޅޭ ވުޒާރާތަކާއި އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ދޭތެރެ ދޭތެރެއިން ރަށުގައި ދިމާވާ މައްސަލައެއް ކަމަށެެވެ. އަދި އެކި ފަހަރު މަތިން ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށެވެ.

ޒާމިރް އިތުރަށް ވިދާޅުވީ މަސްތައް މަރުވާން ދިމާވާ ކަމަށް ބެލެވެނީ، ބަނދަރުގެ ޑިޒައިންގެ މައްސަލައެއްގެ ސަބަބުން ކަމަށެވެ. މިހެން ދިމާވާ ސަބަބު ސާފުވެގެންދާނީ ދިރާސާއެއް ހެދުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކައުންސިލް ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް އެކި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ރަށު ފަޅަކީ އާންމުންކޮށް ވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެއް ކަމަށާއި އާންމު ހާލަތްތަކުގައި ފަތިހު ވަދެފައި އިރު އޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނުކުންނަ ކަމަށެވެ.

ނަމަވެސް ފަހުން ވަން މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ވަގުތު ރަށުގެ ރައްޔިތުން ނިކުމެ ގިނަ އަދަދެއްގެ މަސް ހިފި ކަމަށާއި މަރުވީ ނުހިފި ބާކީ ހުރި ބައި ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެކަން ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެ، ފަޅުތެރޭގައި އޮކްސިޖަން ހުސްވެގެން ކަމަށާއި އެމައްސަލައަށް ހައްލު ގެނައުމަށް އެތެރެ ތޮއްޓާއި ބޭރު ތޮށި މަރާމާރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.