ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފެށުމަށް ހައިކޯޓުން ނިންމައިފިއެވެ.

އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:15 ގައެވެ.

އެއް އަހަރާއި ހަތްމަހުގެ ޖަލު ހުކުމެއް ރައީސް މައުމޫންގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފެށުމަށް ނިންމާފައިވާއިރު، އެ މައްސަލަ ހައިކޯޓުގައި ނިމެންދެން ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލުމަށް ހައިކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ. ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް މައުމޫން ވެސް އެއްބަސްވެވަޑައިގެން އެމަނިކުފާނުގެ ފަރާތުން 60،000 ރުފިޔާ ކޯޓުގައި ބެހެއްޓުމުންނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރިއިރު އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.