ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރަމުން އަންނަތާ ބައި ގަރުނު ވީއެވެ. ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެވެ. ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ އަދި ރައްޔިތުން ބޭނުންވާ ގޮތަކަށް ވެރިކަން ކުރާ ވެރިކަމަކަށް ރައްޔިތުންގެ ވެރިކަމޭ ބުނެވޭނެއެވެ. ނަމަވެސް ފާއިތުވި ބައިގަރުނު ރާއްޖެ އިން ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟

ރައީސް އިބްރާހިމް ނާސިރާ، ރައީސް މައުމޫން އަބްދުލްްޤައްޔޫމަކީ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބޭފުޅުންގެ ވެރިކަމުގައި ކުރެއްވި ދެ ރައީސުންނެވެ. ލިބުނު މުއްދަތާއި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ކުރެވެން ހުރި ކަންކަން އެބޭފުޅުން ކުރެއްވެވިއެވެ.

ނަމަވެސް ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި ވެސް ޖަލުތަކުގައި ދިން ލާއިންސާނީ އަނިޔާތަކާއި ސިޔާސީ ކުށްވެރިންނާއި ދެކޮޅަށް ހިންގުނު އަމަލުތައް އެއީ ރައީސް ނަސިރާ، ރައީސް މައުމޫންގެ ތާރީޚްގައި ހުރި ކަޅު ސޮފްހާތަކެކެވެ.

ރައީސް ނާސިރު ވެރިކަން ދޫކޮށްލާފައި ދިއުމުން ދެން ފެނިގެން ދިޔަ މަންޒަރުތައް ވެސް ތާރީޚްގައި ލިޔެވިފައި ހުރީ ވަރަށް ހަޑިކޮށެވެ. ވެރިންގެ ގޮތުގައި ތިބި ބަޔަކު ރައީސް ނާސިރުގެ ހުރިހާ ޚިދުމަތަކަށް ފަސް އަޅާ ފޮރުވީ ހަމަ އެންމެ ބޭނުމެއް އޮވެގެންނެވެ. އެއީ ދެން ރައީސް ނާސިރަށް ރާއްޖޭގެ ވެރިކަމަށް އާދެވެން އޮތިއްޔާ އޮތް މަގެއް ބަންދު ކުރުމެވެ. ރައީސް ނާސިރުގެ ތާއީދާއި އެކު ވެސް އެއްވެސް ބޭފުޅަކަށް މައުމޫންގެ ވެރިކަމަށް ބުރުލެއް އަރާފާނެ ކަމެއް ކުރިއަ ނުދިނުން އެއީ ރައީސް ނާސިރުގެ އަބުރު ކަތިލަން ރައީސް މައުމޫނާއި ރައީސް މައުމޫންގެ ބައިވެރިން ނިކުތް އެއް ސަބަބެވެ. ރައީސް ނާސިރުގެ އަބުރު ކަތިލާ ރައީސް ނާސިރުގެ ޚިދުމަތްތަކުގެ މަތިން ހަނދާން ނައްތާލީ ރައްޔިތުންނަށްޓަކައެއް ނޫނެވެ. އެއީ ވެރިން ބޭނުން ވެގެން ވެރިން ވެރިކަން ދިފާޢު ކުރަން ވެގެން ކުރި ކަމެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ވެސް ފެނިގެން ދިޔައީ ލިބުނު ކޮންމެ ފުރުސަތެއްގައި ވެރިންގެ ޖީބު ބޮޑު ވަމުން ދިޔަ މަންޒަރެވެ. ނާސިރުގެ ވެރިކަން ވެއްޓުނު އިރު މުޅި ދެކުނު އޭޝިއާގައި އޮތް އެންމެ ބޮޑު ޝިޕިން ލައިން އޮތީ މި ދިވެހިރާއްޖޭގައެވެ. ފަހުން ކުންފުނި ބަނގުރޫޓް ވެގެން ދިޔައީއެވެ. އެއާ މޯލްޑިވްސް އެންމެ ބޮޑެތި މަތިންދާބޯޓްތަކާއި އެކު ބައިނަލްއަޤުވާމީ ދުނިޔެ އަށް ވަރަ ފުޅާކޮށްލިއެވެ. ފަހުން ބަނގުރޫޓް ވެގެން ދިޔައީއެވެ. އެފްޕީއައިޑީ ވެސް ބަނގުރޫޓް ވެގެން ދިޔައީއެވެ. މިއިން ކޮންމެ ވައްކަމެއްގެ ފަހަތުގައި ތިބީ ވެރިންނެވެ. އެއްވެސް ވެރިއަކަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. ސަބަބަކީ އެއީ ވެރިކަމުގެ ތަނބުތައް ކަމަށް ވެފައިވުމެވެ. އެއިން ވެރިއަކަށް ކަމެއް ކޮށްފިނަމަ ގައުމުގެ ވެރިއާއަށް ސިޔާސީ ތުރާލެއް އުފުލަން ޖެހިދާނެތީ އެވެރިން ސަލާމަތް ކުރީއެވެ.

2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއެވެ. ކޯލިޝަނެއްގެ ތެރެއިންނެވެ. މަސް ދުވަސް ނުވެ، ކޯލިޝަން ބައިގެން ދިޔައީ ރައްޔިތުންނަށް ޚިދުމަތް ނުކުރެވިގެންނެއް ނޫނެވެ. ވެރިކަމުގެ ތެރެއިން ވެރިންނަށް ލިބެން ޖެހޭ ބައި އެޅުމުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރަކީ ސިޔާސީ ގޮތުން ހަލަބޮލި ތިން އަހަރެވެ. ސިޔާސީ ދެކޮޅުވެރިން ހައްޔަރު ކުރަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ގާސިމާއި ޔާމީން ހައްޔަރު ކުރިއެވެ. ކޯޓުން އެބޭފުޅުން ދޫކޮށްލެއްވުމުން އާރަށުގައި ޔާމީން ބަންދުކުރިއެވެ. ފަހަތުގައި އޮތީ އެންމެ ސަަބަބަކެވެ. ވެރިން ބޭނުންވާ ގޮތަކަށް ވެރިކަން ކުރަން އޮތް ހުރަހަކަށް އޭރު ފެނުނީ ޔާމީނާއި ގާސިމް ކަމަށް ވުމެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ރަހީނު ކުރަން ރައީސް ނަޝީދު ނިންމާ އެކަން ތަންފީޒު ކުރީ ރައްޔިތުންނަށް ޓަކައެއް ނޫނެވެ. ވެރިންގެ ވެރިކަމުގެ ލައްޒަތުގެ ފޮނިކަމާއި މީރުކަން ލިބެން އޮތް ހުރަހަކަށް އަބްދުﷲ ގާޒީ ވުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް އެކަމުގެ ފަހަތުގައެއް ނެތެވެ.

ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެރިކަމުގެ ކޭކް ވަރަށް ރަނގަޅަށް ބަހާލި ނަމަވެސް އެތެރޭ ކޮއިލުގައި އޮތީ ހަމަނުޖެހުމެވެ. ރައީސް ވަހީދު ވެސް ސިޔާސީ އެޖެންޓާ ތަންފީޒު ކުރަން އަޅަމުން ދިޔަ ފިޔަވަޅުތަކަކީ ރައީސް ވަހީދުގެ ވެރިކަން ދިފާޢުކޮށް ދަމަަހައްޓަން އެޅި ފިޔަވަޅުތަކެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި އެންމެ ގިނަ ކަންކަން އެންމެ އަވަހަށް ކުރި ސަރުކާރު ކަމަށް އިދިކޮޅު މީހުން ވެސް އެއްބަސްވެއެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ޖެހުނީ ވެރިކަމުގެ ހިޔަލުން ހިޔާވަހިކަން ހޯދަން ބޭނުންވާ ބަޔަކަށް އެފުރުސަތު ދިނުމަށް ޔާމީން ބޭނުން ނުވުމުންނެވެ. ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ފަހިކޮށް ނުދިނުމުން ޔާމީން ވެރިކަމުން ދުރުކުރަން އެބަޔަކު ނިކުމެ އެކަން ކާމިޔާބު ކޮށްފިއެވެ.

ހުރިހާ ވެސް މައްސަލައަކަށްވީ "މަހުޖަނާއި" އެންމެ ބޮޑު "ވެރިޔާ" އަދި އެބޭފުޅުންގެ ފަހަތުގައި ތިބި ބަޔަކު ބޭނުންވާ ގޮތަކަށް ވެރިކަން ނުކުރުމެވެ. އެވެރިންނަށް އާރާއި ބާރު ނުދިނުމެވެ. އެވެރިންނަށް އާރާއި ބާރު ދިންނަމަ އެވެރިން އަދިވެސް ތިބީހީ ރައީސް ޔާމީންގެ ފަހަތުގައެވެ. ރައީސް ޔާމީންގެ އެއްވެސް ގޯހެއް އެވެރިންނަށް ނުފެންނާނެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ ކައިރީގައި ތިބި މީހުން ބިލިއަނަރުންނަށްވި ކަން މިރާއްޖޭގެ އެންމެ ތުއްތު ކުއްޖާ އަށް އެނގޭ ހިސާބަށް ގޮސް މުޅި ގައުމު "ބްރޯ" ވި އިރު ވެސް އަދީބު ކަމެއް ކުރިކަން ރައީސް ޔާމީނަށް ނޭނގޭޔޯލައެވެ.

އޭގެ އިތުރުން ވެސް ސަރުކާރުގެ މައްޗަށް ކުރެވުނު އެތައް ކޮރަޕްޝަންގެ ތުހުމަތެއް ރައީސް ޔާމީން ނިންމާލީ "ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަން އޮންނާނެ" ކަމަށް ވިދާޅުވެ ވަރަށް އާދައިގެ ގޮތަކަށެވެ. މީހަކާއި މެދު ފިޔަވަޅެއް އެޅުމުން އެއީ ރައީސް ޔާމީންގެ ސިޔާސީ ދެކޮޅު ވެރިއަކަށް ވާނެކަން އެނގޭތީ ކޮންމެ ކޮންމެ މީހަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުން ނުވީއެވެ.

ރައްޔިތުންގެ ވާހަކަ ދައްކަނީ ރައްޔިތުންގެ ތާއީދު ނެތި ވެރިކަމަށް ނާދެވޭނެތީއެވެ. ކޮންމެހެން ރައްޔިތުން ދެކެވާ ލޯތްބެއްގެ ސަބަބަކުން ނޫނެވެ. ވެރިން ބޭނުން ވަނީ ވެރިކަމެވެ. ފާއިތުވި 50 އަހަރުން ފެންނަން އޮތީ އެމަންޒަރެވެ.

50 އަހަރުން ފެންނަން އޮތީ ވެރިންނާއި ވެރިންގެ އައުވާނުންގެ ޖީބު ބޮޑުކުރި މަންޒަރެވެ. ކައިރީގައި ތިބި މީހުން ކުރި ހުރިހާ ވައްކަމެއް ފޮރުވި މަންޒަރެވެ. އެމީހުންނަށް ވައްކަން ކުރަން އިތުރު ފުރުސަތު ފަހިކޮށްދިން މަންޒަރެވެ. ވައްކަން ކުރަން ފުރުސަތު ލިބޭ ކޮންމެ ލީޑަރަކު ރައްޔިތުންގެ މަތިން ހަނދާން ނައްތާލިއެވެ.

ކުރުކޮށް ބުނާނަމަ މިފެނުނީ ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ވެރިންގެ ވެރިކަމެއް ބައި ގަރުނު ވަންދެން މިރާއްޖޭގައި ކުރި މަންޒަރެވެ.

ކުރިއަށް ދެން އޮތީ އަނެއްކާވެސް އާވެރިކަމެއް ފެށޭ މަންޒަރު ބެލުމެވެ. ރައްޔިތުންގެ ވެރިކަމެއްގެ ހަޤީޤީ ސިފަ ޖެހިފައިވާ ވެރިކަމަކަށް ބޭނުންވަނި ޤާނޫނީ ނިޒާމެއް ނޫނެވެ. ބޭނުން ވަނީ ކޮންމެ މީހެއްގެ މައްޗަށް ހަމަހަމަކަމާއި އެކު ވެރިކަން ކުރާނެ ވެރިއެކެވެ. ކޮރަޕްޝަން ނައްތާލުމުގެ ގަޓް ހުރި ވެރިއެކެވެ. ކުށެއް ކުރުމުން ކޮންމެ މީހަކު ވެސް ޖަލަށް ލެވޭނެ ވެރިއެކެވެ.

ނަމަވެސް އެއީ "މަހުޖަނާއި" "ވެރިޔާ" ގެ ނުފޫޒުން ސަލާމަތްވެގެން އެއްވެސް ވެރިޔަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލިތަކުރު

    ނިކަމެތިންގެ ވެރިކަމެއްނޫން ބޮޑެތި ދެތިން ވިޔަފާރިވެރިންގެ ވެރިކަމެއް އެބައިމީހުން ރާއްޖެހަލާކު ކުރަނީ ނިކަމެތިން ނިކަމެތިކުރަނީ ވެރިމީހާ ބޯކަނީ

  2. Miadhu

    ބަރާބަރު ވާހަކައެއް 100% ތާއިދު

  3. އަހުމަދު687

    ޤާނޫނަށް ވުރެ މަތީގައި އުޅޭ 4 މީހަކާއި ޤައުމަތް ނުތަކާވަރުގެ މަޖުލިސް ރޯނު އެދުރުންގެ ސަބަބުން ރައްޔިތުން ހަލާކުވަނީ

  4. ޖަހާންގީރު

    ވ ރަނގަޅު ލިއުމެއް

    2
    1
  5. ހަފީޒް

    މިއީ ހަމަ ހަގީގަތާއި އެއްގޮތަށް ލިޔެފައިވާ ހަބަރެކެވެ. ކުރިންނޭނގޭ ވަރަށްގިނަ މައުލޫމާތު އޮޅުންފިލައިފިއެވެ. އަސްލުވެސް މިއީރަތްޔެތުންގެ ވެރިކަމެއްނޫން ޕާޓީތަކުގައި އިސްކޮންއުޅޭ ހައެއްކަމީހުންގެ ވެރިކަމެކެވެ. ޕާޓީސިސްޓަމް އަކީ ދިވެހިރާއްޖެއާއި ގުޅޭ ވެރިކަމެއްނޫނެވެ.

  6. ތަހުތު

    ކޯލިސަންއިންސާފުނަމަ ނަސީދު ޖަލައްލާބަލަ

  7. ބޭބެ

    ވަރަށް ރަގަނޅު ވާހަކަ ކޮޅެއް!! ...."ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި އެންމެ ގިނަ ކަންކަން އެންމެ އަވަހަށް ކުރި ސަރުކާރު ކަމަށް އިދިކޮޅު މީހުން ވެސް އެއްބަސްވޭ. ނަމަވެސް ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ޖެހުނީ ވެރިކަމުގެ ހިޔަލުން ހިޔާވަހިކަން ހޯދަން ބޭނުންވާ ބަޔަކަށް އެފުރުސަތު ދިނުމަށް ޔާމީން ބޭނުން ނުވުމުން. ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ފަހިކޮށް ނުދިނުމުން ޔާމީން ވެރިކަމުން ދުރުކުރަން އެބަޔަކު ނިކުމެ އެކަން ކާމިޔާބު ކޮށްފިއެވެ...'' ޔާމީނު ވަރުގެ ރައިސެއް ނުލިބޭނެ!! ޙަގީގަތުގައި ޔަމީނު ބޭނުންވީ ވެރިކަމުގެ ނިވާ ފަތްގަނޑުގައި ތިބެގެން މަދު ބަޔަކު އަމިއްލަ ފައިދާއާއި ޖީބު ބަރުކުރަން ޖަހާހާ ކުޅިއެއްޖަހަން ފުރުސަތު ނުދިނުން!! އަދި ބޭނުންވީ ގައުމު ތަރައްގީކޮށް އަމިއްލަ ފުދުންތެރި ހަރުދަނާ ގައުމަކަށް މިރާއްޖެ ހެދުން!! މިކަން އެންމެ ރަގަނޅަށް ކާމިޔާބު ނުކުރެވުނީ ގައުމަށްވުރެން އަމިއްލަ މަސްލަޙަތާއި ގައުމުގެ މުއްސަނދިކަމުގެތެރެއިން ޖީބު ބަރުކުރަން ބޭނުންވާ މަދު ބަޔަކު ( ދެތިން މީހުން ) ގައުމަށާ ސަރުކަރަށް ޣައްދާރުވުމުން!! އެމީހުން ފައިސާ އާއި އަދި ބޭރުގެ އެކިއެކި ގައުމުތަކުގެ ނުފޫޒު ވައްދާ ރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް ވެއްދި ހިސާބުން!! މިއީ ދެރަކަމެއް!! ޔާމީނަކީ ޙަގީގަތުގައިވެސް ގައުމަށް އިޚްލާސްތެރި ގައުމަށް ވަފާތެރި ބޭފުޅެއް!!

  8. ހައްވަ

    ޔާމީނާ އޭނާގެ އައުވާނުން ކިތަންމެ ބިލިއަން ޑޮލަރުގެ ވައްކަން ކުރިޔަސް، ފޮށި ފޮށީގައި ގެއަށް ވެއްދި ފައިސާ ޝައްކެއްވެސް ނެތް ގޮތުގައި ހަަލާލެއް ނޫން ކަމަށް އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި އިޢުތިރާފު ވިޔަސް ހަމަ ކިޔަން ޖެހެނީ ގައުމަށް އިޚްލާސްތެރި، ގައުމަށް ވަފާތެރި ކަމަށް ވިއްޔާ ތިޔަޖެހިފައިވަނީ ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް! ވަގުތު ކުދިންގައި މިކޮމެންޓް ޖަހައިދޭ ވަރުގެ ހިތްވަރު އެބަހުރިބާ؟