ދުނިޔޭގެ އެއިޑްސް ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ހާއްސަ ކެމްޕޭންއެއް މިއަދު ފަށައިފިއެވެ.

ދުނިޔޭގެ މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "ޝޯ ޔުއަރ ޝްޓޭޓަސް"އެވެ. ދުނިޔޭގެ އެއިޑްސް ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރުމަށް މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ރައްމިއްޔާތެއް ބާއްވައިފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކުރެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ އެެއިޑްސް ބަލި ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް އިތުރުވަމުން އަންނަ ކަމަށާއި އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އެއިޑްސް އަށް ފަރުވާ ކުރެވޭނެ އިންތިޒާމް ރާއްޖޭގައިވެސް މިހާރު ޤާއިމް ކުރެވިފައިވާ ކަމަށާއި ކޮންމެ ފަރުދެއްވެސް އެއިޑްސް ބައްޔަށް ޓެސްޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ރާއްޖެއަކީ ގިނަ އަދަދަކަށް ބޭރުގެ ފަރާތްތަށް ޒިޔާރަތްކުރާ އަދި އެކި އެކި ބޭނުންތަކަށް ހިޖުރަކޮށް ދިރިއުޅެމުން އަންނަ ގައުމެއް ކަމަށާއި އެހެންކަމުން އެފަރާތްތަށްވެސް އެއިޑްސް ބައްޔަށް ޓެސްޓު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

"ރާއްޖެއަކީ ބޭރުގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ގައުމެއް. އެހެންކަމުން އެ ފަރާތްތަށްވެސް އެޗްއައިވީއަށް ޓެސްޓްކުރުމަކީ މުހިންމު ކަމެއް" ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސެސް، ޑރ.އަލީ ނަޒީމް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ގުޅިގެން ރާއްޖެއިން އެއިޑްސް ބަލި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއިޑްސް ބަލި ޖެހެނީ ކީއްވެކަމާއި އެޗްއައިވީއާއި ބެހޭ އެންމެހާ މައުލޫމާތު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް އެނގުން މުހިންމު ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

"ރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކަށް އެނގެން ޖެހޭ އެޗްއައިވީއަކީ ކޮބާކަން. އަދި އެބަލި ޖެހެނީ ކީއްވެކަމާއޮ އެބަލިން ރައްކާތެރިވާނެ ގޮތްތަށް އެނގެން ޖެހޭ" ޑރ. އަލީ ނަޒީރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝާހް މާނިއު ވިދާޅުވީ ހެލްތު ސެކްޓަރުގައި މަސައްކަތް ކުރާ ފަރާތްތަށް އެކަނި މަސައްކަތް ކޮށްގެން ރާއްޖެއިން އެޗްއައިވީ ނައްތާނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހެލްތު ސެކްޓަރ އެކަނި މަސައްކަތް ކޮށްގެން މިކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. ހުރިހާ ދިވެހި ރައްޔިތުންނާއި ހުރިހާ އެޖެންސީސްތަކާއި ހުރިހާ ސްޓޭކްހޯލްޑާސް ގުޅިގެން އަޅުގަނޑުމެންނަށް މިކަން ވާނީ" މިނިސްޓަރ ޝާހް ވިދާޅުވިއެވެ.

އަދި ހެލްތު މިނިސްޓްރީގެ ތެރެއިން އެޗްއައިވީ ރާއްޖެއިން ނައްތާލުމަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށްވެސް މިނިސްޓަރ ޝާހް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއިޑްސް ބަލި ޖެހިފައި ތިބި 35 މިލިއަން މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްމާން

    ކޮންމެވެސް ގުޅިފަތިބި ބަޔަކައް ލާރިގަނޑެއް ދޭން ކޮންމެވެސް އެއްޗަކާ ގުޅުވައިގެން ގޭސްގަނޑެއް ހިންގާލަނީދޯ..

  2. އައްޑޫ މީހާ

    ބާރު އެޅުމަކުން ނުފުދޭނެ ހުސްނާސުވާދުގެ ކިޮމިޝަނުން އެމީހުންނާއިމެދު ފިޔަވަޅު އެޅޭކަހަލަ ގޮތަކަަށް ވ.އަވަސް ގޮތަކަަށް ބިލެއް ފާސްކުރަން މަޖްލިސްއަށް ގޮވާލަން

  3. ޓެކުސީ

    ތިޔައީ ރައްޔަތުންނަށް ދައްކާ ދަޅައެއް ސަރުކާރުން ޒިނޭ ކުރާ މީހުން ދޫކުރަނީ އެއިޑުސް އަށް ޕޮޒީޓިވް ވޭތޯބަލަންތަ ލަދުގައިކަންފުޅެއްވެސް ނެތް ސަރުކާރެއްދޯމީ....... .