ރައީސް ޞޯލިޙް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރައިވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސްގެ ދަތުރުފުޅާއި ބެހޭ މައުލޫމާތު މިއަދު ދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫއޭއީ އާއި އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސްގެ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި އެނާޖީ ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގަތުމުގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ ވާހަކަތައް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށުނު ހިސާބުން ޔޫއޭއީއާ އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތީ ޚާއްސަ ގުޅުމެއް ފެށިފައި. ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭތަން އެބަ ފެނޭ،" ޝާހިދު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ދާދި ފަހުން ޔޫއޭއީ އަށް ވަޑައިގަތެވެ. އެއީ، ނ. މާފަރު އެއާޕޯޓު އަޅަން އެހީވާ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އިސްވެރިންގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. ނަމަވެސް ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދެން އެހީދޭނީ ޤަތަރާއި އީރާނާއި އެކު ގުޅުން ގާއިމް ނުކުރަން ޝަރުތުކޮށްފައެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ޤަތަރާއި އީރާނާއި އެކު އަލުން ސިޔާސީ ގުޅުން ގާއިމް ކުރުމަށް ވައުދު ވެގެންނެވެ. ނަމަވެސް އެދެގައުމާއި ގުޅުން ބަދަހި ކުރަން ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކުރެއްވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖެއަށް އެންމެ ބޮޑެތި އެހީތައް ވަމުން އައި ގައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމިއްލއެދުމަށްޓަކައި ލޯނަށް ފުރައްސާރަކޮށް ލޯނަށް ނޫނެކޭބުނާނޭކަމަށް ވަޢުދުވެ ދިވެހިން ވަލުވެއްދި މީހުންނަށްވެސް ލޯނުލިބޭނީ! އަނަގަ ނުހަލުވާ!