ށ.ފީވަކު މީހަކު ހޮވި 82 ކިލޯގެ މާވަހަރުން ބައެއް ޓެސްޓް ކުރުމަށްޓަކައި މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

މިއަދު ހެނދުނު މާލެ ގެނެސްފައި ވަނީ ތިން އިންޗި ވަރުގެ ތަންކޮޅެކެވެ. މާވަހަރެއް ކަން ޔަގީން ކުރެވޭނީ ރާއްޖެ އިން ބޭރުން ހަދާ ޓެސްޓްތަކަށް ފަހު އެވެ.

މިިދިޔަ ހުކުރު ދުވަހު، ފީވަކު، އަހްމަދު މަނިކަށް މާވަހަރެއް ފެނުނީ ފީވަކާއި ށ.ނަލަންދޫއާ ދޭތެރޭ ކަނޑުއޮޅިންނެވެ.

ށ. ފީވަކު ކައުންސިލްގެ މެންބަރަކު ވިދާޅުވީ މި މާވަހަރު ފެނިފައި ވަނީ އެކަނި މަސްބާނަން އުޅެނިކޮށް އެރަށު ބްލޫހެވަން އަހުމަދު މަނިކަށް ކަމަށެވެ. އޭނާ ހޮވާފައި ވަނީ 82 ކިލޯގެ ހުދަންބަރެއް ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

"މާވަހަރު ބަރުކަމުން ނުނެގިގެން ރަށަށް ގެނައީ ކަފުޖަހައިގެން, އަންގާރަ ދުވަހު މާވަހަރުގެ ސާމްޕަލްތައް މާލެ ފޮނުވަން މި ދަނީ މަސައްކަތް ކުރަމުން, މާވަހަރު ގަންނަން ބޭނުންވާ ފަރާތަކަށް އެ ވިއްކާނެ," ފީވަކުން މައުލޫމާތު ދިން ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

މިމާވަހަރު ހަމަ އަގުގައި ވިކިއްޖެ ނަމަ 50 މިލިއަން ރުފިޔާ އާއި ގާތް ކުރާ އަދަދެއް ލިބޭނެ ކަމަށް ބެލެވެއެވެ.