ނައިބު ރައީސް ކަމުގައި ހުންނަވައިގެން ޑރ.ޖަމީލް ވަނީ، ބަޣާވާތަކުން ސަރުކާރު ވައްޓާލަން އެންމެ ފުރަތަމަ ކުރެވުނު މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައިކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނާދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޭއްވި މޭޑޭ މުޒާހަރާއަކީ ޤާސިމް އިބްރާހިމް ފަންޑު ކޮށްގެން ބޭއްވި މުޒާހަރާއެއް ކަމަށާއި، އޭރުވެސް ޖަމީލް ތައްޔާރުވަމުން ދިޔައީ ބަޣާވާތަކުން ސަރުކާރު ވައްޓާލައިގެން ވެރިކަމާ ހަވާލުވުވަޑައިގެންނެވުމަށް ކަމަށެވެ.
"އޭރުވެސް ޖަމީލް ތައްޔާރުވަމުން ދިޔައީ ބަޣާވާތަކުން ސަރުކާރު ވައްޓާލައިގެން ވެރިކަމާ ހަވާލުވުމުގެ މަސައްކަތްތަކެއް ކުރައްވަމުން. މި މީހުން ސަރުކާރުގެ ތެރޭގައި ތިބެގެން އޭރުވެސް ޤާސިމް އާއެކުގައި ސިއްރު ގުޅުންތަކެއް ހިންގައިގެން މި ސަރުކާރު ވައްޓާލައި ވެރިކަމަށް އާދެވޭނެ މަގެއް ހޯދުމުގެ މަސައްކަތްތައް ދިޔައީ ކުރަމުން." ޖުމްހޫރީ ޕާޓީ އާއި ގުޅުނު ފަރާތްތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޭއްވި މޭޑޭ މުޒާހަރާގެ ދުވަސްވަރު އޭރުގެ ނައިބު ރައީސަކަށް ހުންނެވި ޑރ.ޖަމީލް އާއި ޤާސިމް އިބްރާހީމް އާއި ދެމެދު ކުރެވުނު މުއާމަލާތްތަށް ޕީޕީއެމްގެ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ކުރީގެ ނައިބު ޑރ.ރައީސް ޖަމީލް އާއި ކުރީގެ ދެ މިނިސްޓަރަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިއަދު ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"މިއީ ކުއްލިއަކަށް ޖުމްހޫރީ ޕާޓީ މާ ވަރުގަދަ ވެގެން އެ ޕާޓީއާ ގުޅުނީކީ ނޫން. އިއްޔެ މިވީ ކަމަކީ އެކަމުގައި ސިއްކަ ޖެހުން." ޖުމްހޫރީ ޕާޓީއަށް ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް އާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަމީން އަދި ކުރީގެ ޔޫތް މިނިސްޓަރު މަލީހް ގުޅިވަޑައިގަތުމަށް ނިސްބަތް ކުރައްވާ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޑރ.ޖަމީލަކީ މިސަރުކާރު ތެރޭގައި ހުރެގެން އެންމެ ފުރަތަމަ މި ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތުގައި ބައިވެރިވި އެއް ބޭފުޅާ ކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޑރ.ޖަމީލް ގެންދެވީ ރައީސް ކަމުގެ ގޮނޑިއަށް އާދެވޭނެ މަގެއް ފެނޭތޯ ބައްލަވަމުންކަމަށެވެ.
"ހަރާންކޯރުވުމަކީ ފެށުނީންސުރެ ޖަމީލްގެ ޒާތުގައި ހިފާފައި ހުރި ކަމެއް" ކަމަށާއި، ރައީސް މައުމޫންގެ ސަރުކާރުގައި ޖަސްޓިސް މިނިސްޓަރަކަށް ހުންނަވާފައި ރައީސް މައުމޫނަށް ހަރާން ކޯރުވާފައި ނިކުމެގެން ދިޔައިރު، އެމްޑީޕީ ސަރުކާރުގައި ވަޒީރު ކަމުގައި ހުންނަވާފައި އެ ޕާޓީއަށްވެސް ހަރާމް ކޯރުވެފައި ނިކުމެގެން ދިޔައީ ކަމަށާއި، ޕީޕީއެމްގެ ސަރުކާރުގައި ނާއިބު ރައީސް ކަމުގައި ހުރެގެންވެސް ވަނީ ހަރާންކޯރުވާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް ދިވެހި ރައްޔިތުންނަށް ހަރާންކޯރުވެފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީއަށް ވެސް ހަރާން ކޯރުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ނިންމުމާއި ގުޅިގެން، އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނަވައިގެން ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އިލްހާމު ވީބާ އަދި ކިރިޔާ
ޖަމީލް އަދި އުމަރު ހަމަ އެފަދަ