ރާއްޖޭގެ އެންމެ ދެކުނު ފުވައްމުލަކާއި އައްޑުއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

ފުވައްމުލަކާއި އައްޑުއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:40 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ވެސް ގުގުރުމާއެކު ކެރީގެއަސަރު ފޯރާނެ އެވެ.

ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމަށް ފަހު ރާއްޖެއަށް ވިއްސާރަ ކުރަން ފެށީ އިއްޔެ ހަވީރުން ފެށިގެންނެވެ.