ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަދިވެސް އޮތްކަން މިއަދު ސާބިތުވެފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސީއީއޯ، އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޒުހޫރު މިހެން ވިދާޅުވެފައިވަނީ، "ގްރޭޓަރ މާލެ ގްރިޑް ޕްރޮޖެކްޓު"ގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ ޑޮންފެން އިލެކްޓްރިކް ކޮމްޕެނީ (ޑީއީސީ) އާއި ހަވާލުކުރުމަށް މިއަދު މެންދުރު ސްޓެލްކޯގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުހޫރު ވިދާޅުވެފައިވަނީ، ޤައުމަށް ހާއްޞަ ހާލަތެއް މެދުވެރިވެފައިވާ މި ދަނޑިވަޅުގައިވެސް "ގްރޭޓަރ މާލެ ގްރިޑް ޕްރޮޖެކްޓު"ގެ ފުރަތަމަ ފޭސްއަށް ބޭނުންވާ 44.46 ،މިލިއަން ޑޮލަރު، ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ޗައިނާގެ ޑޮންފެން އިލެކްޓްރިކް ކޮމްޕެނީ (ޑީއީސީ) އިން ހަމަޖައްސަވާފައިވާކަމުންވެސް ދޭހަވެގެންދަނީ ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރު ކަމަށެވެ.

"ޤައުމުގެ އަމާންކަން ނަގާލާ ސިޔާސީ ހަލަބޮލިކަން ގެންނަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައިވެސް، ޗައިނާގެ ޑޮންފެން އިލެކްޓްރިކް ކޮމްޕެނީން މި ޕްރޮޖެކްޓަށް ފައިނޭންސްކޮށް ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވުމުން ދޭހަވަނީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރު" ޒުހޫރު ވިދާޅުވިއެވެ.

މާލޭގައި މިވަގުތު ބޭނުންކުރަމުންދަނީ 70 މެގަވޮޓްގެ ޕަވަރ ކަމަށްވާއިރު، މާލެއަށް ބޭނުންވާ ޕަވަރ އުފެއްދުމަށް ކޮންމެ ދެއަހަރަކުން ޖަނަރޭޓަރ އިތުރު ކުރަންޖެހޭ ކަމަށާއި، ހުޅުމާލޭގެ 50 މެގަވޮޓްގެ ޕަވަރަ ހައުސް (ފިފްތް ޕަވަރ ޕްރޮޖެކްޓް) ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިމި، ބޭނުންކުރަން ފެއްޓުމާއެކީގައި، މިއަދު އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ކަރަންޓުގެ ވިއުގަނޑުގެ ތެރެއިން މާލެއަށް ބޭނުންވާ ޕަވަރ ލިބިގެންދާނެ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.