މެދުކެނޑުމަކަށްފަހު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އައިޖީއެމްއެޗް އިން ފެށި ސީޓީ ސްކޭންގެ ޚިދުމަތް، މަރާމާތުގެ މަސައްކަތެއް ކުރިޔަށްދާތީ، އަނެއްކާވެސް މެދުކެނޑިއްޖެއެވެ.

މިކަން މިއަދު އައިޖީއެމްއެޗް އިން ނެރުނު ކުރު ބަޔާނެއްގައި ހާމަކޮށްފައިވާއިރު، އެ ހޮސްޕިޓަލުން ބުނެފައިވަނީ ސީޓީ ސްކޭން މެޝިން މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، މިއަދުން ފަށައިގެން ވަގުތީ ގޮތުން އެ ޚިދުމަތް މެދުކަނޑާލެވިފައިވާ ކަމަށެވެ.

ސީޓީ ސްކޭންގެ ޚިދުމަތް އައިޖީއެމްއެޗް އިން މިއަދު މެދުކެނޑިފައިވާއިރު، މީގެ ހަފްތާއެއްހައި ދުވަސް ކުރިންވެސް އެ ހޮސްޕިޓަލުން އެ ޚިދުމަތް މެދުކެނޑިފައި ވެއެވެ. އެފަހަރު ޚިދުމަތް މެދުކެނޑުނީ، މިމަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މެޝިނަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް ވެއެވެ.

އައިޖީއެމްއެޗް އިން ސީޓީ ސްކޭން ހެދުމުގެ ޚިދުމަތް، މަރާމާތުގެ މަސައްކަތަކަށްޓަކައި މެދުކަނޑާލި ނަމަވެސް އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ. އަދި އެ ހޮސްޕިޓަލުން އަލުން އެ ޚިދުމަތް ފޯރުކޮށްދެވޭނީ ކޮން އިރަކުން ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައި ވީނަމަވެސް، އެ ހޮސްޕިޓަލުން ބުނެފައިވަނީ، ޑޮކްޓަރުން އިމަޖެންސީކޮށް ހެދުމަށް ދެއްވާ ސީޓީ ސްކޭންތައް، އާސަންދަ އާއި ޓްރީޓޮޕް ހޮސްޕިޓަލާއި ގުޅިގެން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.