މިހާރު ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ކޮމިޝަންތައް ފެއިލްވާން ބޭނުންނުވާކަމަށާ، މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އެގޮތަށް ވިސްނުން ބަހައްޓައިގެންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އާޒިމް ވިދާޅުވީ، ކޮމިޝަންތަކަށް މެމްބަރުން ކަޑައެޅުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަންޖެހޭކަމަށެވެ. ފާއިތުވެދިޔަ ތަނުގައި މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގައި ހަރުދަނާ އުސޫލެއް ނެތުމަކީ މުހިންމު ކޮމިޝަންތައް ފެއިލް ވަމުންދިޔަ އެއްސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ބޮޑުމެޖޯރިޓީއެއް އޮވެ އެކުލަވާލާ ކޮމިޝަންތަކަކީ ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ބަޔަކަށް ހެދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ކޮމިޝަންތައް އެކުލަވާލުމުގައި އެމްޑީޕީ އިން އަމަލު ކުރަން އުޅޭ ގޮތް ދިފާޢުކޮށް އާޒިމް ވާހަކަފުޅު ދައްކަވާފައި މިވަނީ މިނިވަން ކޮމިޝަންތައް އެކުލަވާލުމުގެ ބާރު މަޖިލީހުގެ "ސްޕަ ކޮމެޓީއަކަށް" ލިބޭ ގޮތައް ޤަވައިދު ބަދަލުކޮށް، އެކޮމެޓީގެ ޗެއާމަންގެ މަގާމަށް ވަޑައިގަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ނަޝީދުގެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ނިންމެވުމުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި "ސްޕަ ކޮމެޓީއަށް" ބާރުތައް ދިނުމާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ދެކޮޅެވެ. ނަމަވެސް ނަޝީދުގެ ނިންމެވުމަކަށް ވާތީ އެގޮތައް ފާސްވާނެ ކަމަށް ބެލެވެއެވެ.

ޢީދު ބަންދަށް ފަހު މަޖިލިސްގެ ޖަލްސާތައް ފެށުމުން ނަޝީދު ބޭނުންވާ "ސްޕަ ކޮމެޓީ" އުފައްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Juhaa

    ތިޔަ ނަޝީދޭ ކިޔާ ލާދީނީ ކަލޭގެއަކީ މި ގައުމަށް ޖެހިފައި އޮތް ބޮޑު ބަލާވެރިކަމެއް.

    12
    1
  2. ސޯލް

    އޮށްޓަރެއްނެތް ކަަންތަށްތަކެއް ކުރެވޭކަން މިހާރު އިޙްސާސް ކުރެވޭހެން އެބަހީވޭ، ތިބޭފުޅުންނަކީ ވާނުވާ އެގިތިބެ ކަންކުރާ ބައެއް ނޫން ރައްތިތުންނަށް މިހާރު އެގިއްޖޭ، މިހާރަކަށް އައިސް ދައްކާ ވާހަކަތަކުން ހީވަނީ ނޯށަށް އަރައިގެން އުޅޭހެން، ދެން ލަލަލާ