ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްސަ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އެ ގައުމަށް ވަޑައިގަންނަވައިފިއެވެ.

ޝަމާލް އެ ގައުމަށް ވަޑައިގަންނަވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޝަމާލް ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު، ސްެރީލަންކާގެ އަަމީގެ މައިމަރުކަޒަށް ވަޑައިގެންނެވުމުން އޭނާގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ޝަމާލް ވަނީ ސޮއި ކުރައްވާފައެވެ.

ސްރީލަންކާގެ އާރމީގެ މައިމަރުކަޒުގައި ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރާއެކު ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމާއި، ގުޅޭގޮތުންނާއި، ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޝަމާލްގެ މި ދަތުރުފުޅުގެ ތެރެއިން "ކޮލޮމްބޯ ޑިފެންސް ސެމިނަރ 2019" ގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ސެމިނަރ ކުރިއަށްދަނީ މިމަހު 29 ން 30 އަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޝަމާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.