މުސްތަގުބަލަށްޓަކައި އަލަށް ތަމްރީނު ކުރެވޭ އޮފިސަރުންނަށް ސަލާމަތީ ގޮންޖެހުންތަކެއް ހުރިކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް ވަނީ ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުވިންގ އޮފިސަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން ޑްރިލް ސްކެއަރގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކެޑެމީން އަލަށް އޮފިސަރުންގެ ގޮތުގައި ދަސްވެނިވާ ކެޑޭޓުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވަނީ މުސްތަގުބަލަށް މިއަދު ބިނާކުރެވޭ އާ ޖީލުގެ އޮފިސަރުންނަށް މުޅިން ތަފާތު ސަލާމަތީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް އިލްތިމާސްކުރެއްވާފައެވެ. އަދި އޮފިސަރުންގެ އަހްލާގާއި ސުލޫކީ މިންގަނޑަކީ އެންމެ އިސްކަން ދޭންޖެހޭނެ ކަންކަންކަމުގައި ޝަމާލް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ ދިވެހި ދެ އަންހެން ސިފައިން ވެސް ވަނީ އޮފިސަރ ޓްރެއިނިންގ ފުރިހަމަ ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެ ދެ ސިފައިންގެ ބޭކަނބަލުންނާއި އެ ކަނބަލުންގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، މަރުހަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގައި މިހާރު ތަމްރީނު ހާސިލުކުރަމުންދާ ދިވެހި ކެޑޭޓުންނާ ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    ސަމާލްއަކީ އިންޑިޔާގެ ސިފައިންގެ މީހެކެވެ.

    • އިދްރީސް

      އެެހެންވީމާ އޭނާ އިންޑިއާ ސިފައިންގެ ޔުނީފޯމެއް ލައްވަން ތާ ޖެހެނީ
      މިހާރު ހުރި ޔުނީފޯމް ބާލާފަ