ހަދަމުންދިޔަ އިމާރާތަކުން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި ބަންގްލަދޭޝްގެ ކުއްޖާ، ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިވެރިން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގައި ބޭއްވުނު މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުުނު މި މައްސަލައިގެ އަޑުއެހުމުގައި ޤާޒީ އަލީ ރަޝީދު ހުސެއިން ދައުލަތުގެ ހެކިން ހުށަހަޅަން ފުރުސަތު ދިނުމުން ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލާ ވިދާޅުވީ ހެކިންގެ ތެރެއިން އެކަކު މިވަގުތު ރާއްޖޭން ބޭރުގައި ހުރުމުގެ ސަބަބުން ހެކިން ހާޒިރު ނުކުރެވުނީ ކަމަށެވެ. މި މައްސަލައި ގައި ކުރީގެ އަޑުއެހުންތަކުގައި ގިނަ ހެކިންތަކެއްގެ ހެކިބަސް އޮތީ ނަގައިފަ އެވެ.

ދިފާއީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވި ދައުލަތުގެ ފަރާތުން ހެކިން ހާޒިރު ނުކުރެވޭނެ ކަން ކުރީ ބައިގައި އެނގިފައި ނެތުމުގެ ސަބަބުން ދިފާއީ ހެކިން ހާޒިރު ނުކުރެވޭ ކަމަށެވެ. ޝަރީޢަތުގެ މަޖިލީހުގައި ފުރަތަމަ އޮންނަނީ ދަޢުލަތުގެ ފަރާތުން ހެކިން ހުށެހެޅުން ކަމަށް ވާއިރު މިއަދުގެ އަޑުއެހުމަށް ދައުލަތުގެ ހެކިން ނުގެނެވޭ ކަން ކުރީ ބައިގައި އެނގިފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިޢާޔަތް ކުރުމަށްފަހު ޤާޒީ ވިދާޅުވީ 26 ސެޕްޓެމްބަރު ގައި ދެން އޮންނަ އަޑު އެހުމެއްގައި ދައުލަތުގެ ފަރާތުންނާއި ދިފާއުންވެސް ހެކިން ހާޒިރު ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އަދި މި މައްސަލަ 14 އޮކްޓޯބަރުގައި އެއްކޮށް ނިންމަވާލެވޭނެ ކަމަށް ވިދާޅުވުމަށްފަހު މިއަދުގެ އަޑު އެހުން ވަނީ ނިންމަވާލައްވާފައެވެ.

ދައުލަތުގެ ފަރާތުން މި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ އުުފުލާގައި ވެއެވެ. އެއީ ޑަބްލިއު ކޮންސްޓްރަކްޝަނުގެ އިސް ދެ މީހެއް ކަމަށްވާ ސީނިއާ ސައިޓް ސުޕަވައިޒަރ މޫސާ ހަސަން އާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޝަފީގްގެ އިތުރުން، ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައާއި، އުފުލުމުގަ އާއި އަދި ސިމެންތި ބަސްތާ މައްޗަށް ނެގުމުގައި އެ ގަޑީގައި ހަރަކާތްތެރިވި 4 އިންޑިއާ މީހެއްގެ މައްޗަށެވެ. މީގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަނުގެ އިސް ދެ މީހުންނާއި، މައްސަލައިގައި ދައުވާ އުފުލޭ ބިދޭސީ އަކު ވަނީ މާޗު މަހު ބޭއްވުނު މި މައްސަލައިގެ އަޑު އެހުމެއްގައި ދައުވާ އަށް އިއުތިރާފް ވެފައެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަން ގެ ފަަރާތުން އިމާރާތް ކުރަމުން ދިޔަ ތަނަކުން މަގު މައްޗަށް ވެއްޓުނު ސިމެންތި ބަސްތާ އެއް ގައި ޖެހި ބަންގްލަދޭޝްގެ އެންމެ 8 އަހަރުގެ ކުޑަ ކުއްޖެއް ކަމަށްވާ ޖިއާން މަރުވި މައްސަލަ އަކީ މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާ އެކެވެ.

އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ޤަވާއިދެއް އެކުލަވާލާފައެވެ. މި ޤަވާއިދު ޖެނުއަރީ މަހުގައި ވަނީ ގެޒެޓް ކޮށްފަ އެވެ.