ގއ.ދެއްވަދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލައިގައި ކައުންސިލްގެ ދެމެންބަރަކު ލޯކަލް ގަވަރްމެންޓް އޮތޯރިޓީން ސަސްޕެންޑް ކޮށްފިއެވެ.
އެލްޖީއޭ އިން މިއަދު ސަސްޕެންޑް ކޮށްފައި ވަނީ ދެއްވަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަޒްމީން އާއި ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު އެވެ.
މުސާރަ ނުހިނގާ ގޮތައް ދެބޭފުޅުން ސަސްޕެންޑް ކޮށްފައި ވަނީ އޭޕްރިލް 08 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށެވެ.
އެލްޖީއޭ އިން ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދެމެންބަރުން ސަސްޕެންޑް ކުރުމުން ކައުންސިލް ހިންގާނީ ދެއްވަދޫ ކައުންސިލްގެ މެންބަރު މައުމޫން އިބްރާހިމް ކަށެވެ.
މިދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ދެއްވަދޫ ކައުންސިލް އުވާލުމަށްޓަކައި ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެލްޖީއޭ އިން ވަނީ ދެއްވަދޫ ކައުންސިލަށް މިއަދު އަންގާފައެވެ.
ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުށްވެރިންތަކެއް ދޫކޮށްލަން ނެރުނު އާދަޔާއި ހިލާފު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ނޫސްބަޔާންތައް ނެރުނު ބައެއް ކައުންސިލަރުން މީގެ ކުރިން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.