މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިޘާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށްޓަކައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ޙާއްސަ އެކައުންޓެއް ހުޅުވައިފިއެވެ.

އަލިފާނުގެ ހާދިޘާގައި ގެއްލުންވި ފަރާތްތަކަށް މިހާރުވެސް އާއްމު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ބައެއް މީހުން ދަނީ މި ދަނޑިވަޅުގެ ނާޖައިޒް ފައިދާ ނަގައި، މީހުންގެ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި އެކައުންޓު ހުޅުވުމުގެ ސަބަބުން ޑިޒާސްޓާ މެނޭޖްމެންޓުގެ ދަށުން ހާލުގައި ޖެހުނު ފަރާތްތަކަށް އެ އެހީތައް ފޯރުކޮށްދެވޭނެއެވެ.

ކަލާފާނު ސުކޫލްގައި ގާއިމް ކޮށްފައިވާ ރިލީފް ސެންޓަރަށްވެސް ގިނަ ބަޔަކު އެހީވި އިރު، އެތަނަށް ބޭނުންވާ ގޮނޑި ފަދަ ތަކެއްޗާއި ކެއިންބުއިމަށް ބޭނުންކުރާ ސާމާނު އާއްމުން ވަނީ ހަދިޔާކޮށްފައެވެ. އަދި ވަކި ހިސާބަކުން ޑިޒޭސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ މިވަގުތަށް ބޭނުންވާ ވަރަށް ތަކެތި ލިބިއްޖެ ކަމަށާއި، އިތުރަށް ބޭނުންވާނަމަ އެކަން އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.

ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ވާން ބޭނުންވާނަމަ، ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓު 7730000284246 (MVR) އަށް ފައިސާ ފޮނުވޭނެއެވެ. އަލިފާނުގެ ހާދިޘާގައި އެތައް ބައެއް ދިރިއުޅެމުން އައި ގެދޮރު އަނދާފައި ވާއިރު މިވަގުތު އާއްމުންގެ އެހީ އެފަރާތްތަކަށް ވަރަށް މުހިއްމުވާނެކަން ޔަގީނެވެ.