އައްޑޫގައި ހިންގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ ހޭ އަރާފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ދެ ސައިކަލު ޖެހިގެން އައްޑޫގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެ މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަތާ މިހާރު 15 ވަރަކަށް ދުވަސް ވަނީ ވެފައެވެ.

އައްޑޫ ސިޓީގެ މަރަދޫގައި ހިނގާދިޔަ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ ޝަންގްރިއްލާ ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފަކަށެވެ.

އައިޖީއެމްއެޗްގެ މީޑިއާއިން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި މީހާ މިއަދު ބަލާލިއިރު ހޭ އަރާފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރ ވެސް މިހާރު ނައްޓާފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ފަރުވާ ދެމުން އަންނަނީ ހަމަ އައި.ސީ.ޔޫ ގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

"މިހާރު ވަނީ ވެންޓިލޭޓަރ ނައްޓާލެވިފައި. އެހެން ނަމަވެސް އަދިވެސް ފަރުވާ ދެމުން އަންނަނީ އައި.ސީ.ޔޫ ގައި." އައިޖީއެމްއެޗުން ވިދާޅުވިއެވެ.

އެ އެކްސިޑެންޓް އަނެއް ސައިކަލް ދުއްވަން އިން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ އެކްސިޑެންޓް ހިނގުމުން، އޭނާ ވަނީ ފިލާފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، ހޮސްޕިޓަލަށް ފަރުވާއަށް އައުމުންނެވެ.