ސްޕްރީމް ކޯޓު ކުރިމަތީގައި އަލަށް ހެދި ޕާކިން ޒޯންގައި ޕާކުރުމުގެ ހުއްދަ 40 އުޅަނދަކަށް ދީފިއެވެ.

އެ އުޅަނދުތަކަށް އެތަނުގައި ޕާކު ކުރުމުގެ ހުއްދަ ދީފައިވަނީ މަހު ކުލީގެ ގޮތުގައި 3000 ރުފިޔާ އަށެވެ. އެ ޕާކިން ޒޯނުގައި ފީދައްކައިގެން ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 104 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. މި ސަރަހައްދުގައި 40 އުޅަނދު ޕާކުކުރެވޭނެ ޖާގަ އޮތުމުން ޖާގަ ކަނޑައަޅާފއިވަނީ ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ.

ޕާކިން ޒޯނުގެ އަގުތައް:

  1. ސައިކަލު- މަހުފީ: 600 ރުފިޔާ، ގަޑިއިރަކަށް، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް ފަސް ރުފިޔާ
  2. ކާރުލޭންޑްރޯވަ، ވޭން، ކުޑަ ޕިކަޕް - މަހުފީ: 3000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 20 ރުފިޔާ
  3. 500-2000 ކިލޯ އާއި ދެމެދުގެ ޕިކަޕް - މަހުފީ: 3500 ރުފިޔާ، ގަޑިއަކަށް، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 25 ރުފިޔާ
  4. 2000 އާއި 5000 ކިލޯ އާއި ދެމެދުގެ ލޮރީ - މަހުފީ: 4000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 30 ރުފިޔާ

ސިޓީ ކައުންސިލުން ކަނޑައެޅި އުސޫލުގެ ދަށުން ޕާކިން ޒޯނުން ޖާގަ ދޫކުރާނީ ޕާކުކުރަން އެދޭފަރާތުގެ ނަމުގައި ކަނޑައެޅޭ ވަކި ބާވަތެއްގެ ވަކި ރަޖިސްޓްރީ ނަމްބަރެއްގެ ވަކި އުޅަނދެއް ޕާކުކުރުމަށް އެކަންޏެވެ.

އެޖާގައިގައި އެހެން ބާވަތެއްގެ ނުވަތަ އެހެން ރެޖިސްޓްރީ ނަމްބަރެއްގެ ވެހިކަލެއް ޕާކު ކުރުމަކީ މަނާކަމެއް ކަމަށާއި ޕާކުކުރުމުގެ ހުއްދަދެވޭ އުޅަނދެއް އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކައިފި ނަމަ އެއުޅަނދު ބޭއްވުމަށް ދެވިފައިވާ ހުއްދަ ބާތިލުވާނެކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ޒޯނުން ޖާގަދެވިފައިވާ އުޅަނދު ޕާކުނުކޮށް ޖާގަ ހުސްކޮށް ގިނަ ދުވަހު ހުހަށްބާއްވާ ނަމަ ފަސް ދުވަހުގެ މުއްދަތު ބެލުމަށް ފަހު އެޖާގަ ކެންސަލް ކޮށް، އެހެން ފަރާތަކަށް ޖާގަ ދޫކުރާނެ ކަމަށް އުސޫލުގައިވެ އެވެ.