މާލޭން ވިއްކަން ނިންމި 211 ޕާކިން ސްލޮޓަށް މިހާތަނަށް 2،429 ފޯމު ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕާކިިން ސްލޮޓަށް އެދޭ ހާއްސަ ޕޯޓަލްއެއް ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ އިއްޔެއެވެ. އެހެން ނަމަވެސް ދެފަހަރެއްގެ މަތިން ޕޯޓަލް ވަނީ ބްލޮކްވެފައެވެ. އެންމެ ފުރަތަމަ ފަހަރު ޕޯޓަލް އަށް މައްސަލަ ދިމާވުމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވާފައިވަނީ ސަރުކާރަށެވެ. މި ތުހުމަތު ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މިއަދު ހަވީރު 18:00 އަށް ފޯޓަލް މެދުވެރިކޮށް 2،429 މީހަކު ފޯމް ހުށައަޅާފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅާފައިވާއިރު، ސިޓީ ކައުންސިލުން ބުނީ، ހުށަހެޅިފައިވާ ފޯމުތަކުގެ ސައްޚަކަން ކަށަވަރުކުރުމާއި، އިދާރީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރު ކައުންސިލުން ހިއްސާކުރާނެ ކަމަށެވެ.

ޕާކިން ސްލޮޓްތައް ގާއިމްކޮށް އެ ސްލޮޓްތައް ކުއްޔަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ސިޓީ ކައުންސިލަށް ފާޑުވިދާޅުވެފައިވެއެވެ.

ޕާކިން ޒޯނުތަކުން ޖާގަ ދޫކުރާނީ ޕާރކް ކުރަން އެދޭފަރާތުގެ ނަމުގައިވާ ޓެކްސީ، އަމިއްލަ ކާރު، ވޭން އަދި ޕިކްޕް (5.3 ޓަނަށްވުރެ ބަރުނުވާ) ޕާރކް ކުރުމަށް ކަމަށާއި ޕާާރކު ކުރުމަށް ޖާގަ ދެވޭނީ ކޮންމެ ފަރާތަކަށް އެއް ޖާގަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕާކް ކުރުމަށް ޖާގައަށް އެދިފައިވާ ވެހިކަލަކީ މާލޭ ޒޯނަށް ރަޖިސްޓްރީކޮށް ދުއްވޭ ހާލަތުގައި އޮންނަ ވެހިކަލަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް ވެސް ޖާގަ އޮތް ވަރަކުން ދޭން ވަނީ ނިންމައިފައެވެ.

ޕާކިން ޒޯނަށް ރަޖިސްޓްރީ ކުރެވޭނީ 500 ރުފިޔާއަށެވެ. ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 1500 ރުފިޔާ ވެސް ނަގައެވެ. ކޮންމެ މަހެއްގެ 10 ގެ ފަހުން ފަހުން ފައިސާ ދައްކާ ފަރާތްތައް 50 ރުފިޔާގެ ޖޫރިމަނާއެއް ނަގައެވެ. އަދި މަހުގެ 15 ގެ ކުރިއަށް ނުދައްކާ ނަމަ ހުއްދަ ބާތިލް ކުރެއެވެ.