ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުވުމަށް އަންގައިފިއެވެ.

ޖޭއެސްސީއިން ބަލަމުންދާ މި މައްސަލާގައި ސުވާލުކުރުމަށް ފަނޑިޔާރު ސުޖާއު ހާޒިރުވުމަށް އަންގައިފައި ވަނީ މިއަދު ހެންދުނު 10 ޖަހާއިރަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސުޖާއު ޖޭއެސްސީއަށް ހާޒިރުކުރަނީ އެއިދާރާއިން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ މައްސަލައަކާއި ގުޅިގެން ކަމަށް ޙަބަރު ލިބެއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމަށްވެސް ޖޭއެެސްސީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ގިނަ ފަނޑިޔަރުންތަކެއްގެ މައްސަލަ ޖޭއެސްސީއިން ބަލަމުންދާއިރު ހަސަން އަލީގެ މައްސަލަ ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އަދި މިމައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އޭނާ ސަސްޕެންޑް ކުރުމަށްވެސް އެކޮމިޓީއިން ވަނީ ނިންމާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އަދި މިމައްސަލައިގައި ސުވާލުކުރުމަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށްފައިވާ ކަމަށްވެސް އެނގިފައިވެއެވެ.