އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް އާއްމުކޮށް ހުޅުވާލައިގެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެދިލައްވައިފިއެވެ.
އަދީބުގެ ވަކީލް މަހްފޫޒް ސައީދު މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވީ ޝަރީއަތް އާއްމުކޮށް ހުޅުވާލަން އަދީބު އެދިވަޑައިގަތީ، އެ މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާތީ ކަމަށެވެ. އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް އަދީބު އެދިލައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތަކަކީ:
- - ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ
- - މަނީ ލޯންޑަރިންގެ 2 ދައުވާ
- - މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
- - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް
މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަން ފާހަގަކުރައްވައި، ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މި ހަފުތާގައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުން އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުުން ހިމެނި ވަޑައިގަންނަވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ބިޝާމް ބުނެފައި ވާއިރު އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ނަންތައް އަދީބު ވަނީ ފުލުހުންގެ ތަހުގީގަށް ކިޔައި ދެއްވައިފައެވެ.
މިޝަރީއަތް ލައިވްކޮށްދޭން އަދީބު އެދިވަޑައިގަތް އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
އަދީބު އެދުނަސް މިހާރު ލައިވް ނުކުރާނެ . އެގޭނެ މިހާރު ބޭޒާރު ވަމުންދާހެން އިތުރު ބޭޒާރެއް އަތުވެދާނެކަން.