ޝާހިދު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ގޮޓަބަޔާ ރާޖަޕަކްސަ އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ޝާހިދުގެ ޓުވީޓުގައި ވަނީ ގޮޓަބަޔާ ހޯއްދެވި ކާމިޔާބަށް މަރުޙަބާ ދެންނެވުމުގެ އިތުރަށް ލަންކާގެ އާ ސަރުކާރު އެކުލަވާލުމުގައި ދިމުޤްރާތީ ގޮތުން ނަމޫނާ ދައްކާފައިވާތީ، އެކަމަށްޓަކައިވެސް އެމަނިކުފާނު އުފާކުރައްވާ ކަން ހާމަކުރައްވާފައެވެ.ޝާހިދު ވިދާޅުވި ލަންކާގައި އަލަށް އުފެދުނު ސަރުކާރާ އެކު މަސައްކަތް ކުރެއްވުމަށް ބޭނުންވާ ކަމަށާއި، ރާއްޖެއާއި ލަންކާގެ ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދަވަންވެސް ބޭނުންވާ ކަމަށެވެ.

ޝާހިދުގެ ޓުވީޓުގައި ފޮޓޯއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ މިދިޔަ މެއި މަހު އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި، ލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ގޯޓަބަޔާ ރާޖަޕަކްސަ އާއި ބައްދަލުކުރައްވައި ނަގާފައިވާ ފޮޓޯއެއް ކަން ފާހަގަކޮށްލެވެއެވެ. ލަންކާގެ އާ ރައީސް، ގޯޓަބަޔާ ރާޖަޕަކްސަ އަކީ ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެކެވެ.