ބޭރުގެ ފަރާތްތަކުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ދޫކުރުމާބެހޭ އުސޫލު ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އެކަން ހާމަކުރެއްވީ އެ މިނިސްޓްރީއިން އާއްމު ކުރި ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ، ކައުންސިލްތަކާއި ބޭރުގެ އެކި ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުންތަކުގެ ދަށުން ލިބޭ ހިލޭ އެހީގެ ފައިސާ މާރުކުރުމަށްފަހު ޖަމާކުރަމުންދަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ކަމަށެވެ.

ފިނޭންސް މިނިސްްޓްރީން ބުނީ ކައުންސިލްތަކުން އެ ފައިސާ ހޯދުމަށް އެމްއެމްއޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާއާއި ބެހޭ މަޢުލޫމާތު ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރާނީ، ކައުންސިލާއި ބޭރުގެ ފަރާތާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ ކޮޕީގެ އިތުރުން، ކަމާއި ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން ކަމަަށެވެ.

ބޭރުގެ ފަރާތްތަކުން ލިބޭ އެހީ ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމަށް ފަސޭޙަ ގޮތްތަކެއް ހަމަަޖައްސާފައި މިވަނީ ކައުންސިލްތަކަށް ބާރުވެރިކަން ދިނުމަށްޓަކާ، ކައުންސިލްތަކުން އިސްވެ ތިބެގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ އުސޫލު އާއްމުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގެ އިތުރުން، ލޭންޑް ޔޫޒް ޕްލޭން ފާސް ކުރުމުން އިތުރު ހުއްދައެއް ނުނަގާ، ކައުންސިލްތަކަށް ޕްރޮޖެކްޓްތައް ހިންގޭނެއެވެ. މީގެ އިތުރުން އެ ސަރަހައްދަކުން ލިބޭ އާމްދަނީ އެ ސަރަހައްދަކަށް ހާއްސަ ކުރަންވެސް މިހާރު ވަނީ ނިންމާފައެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ބާރުތައް ދޫކޮށްގެން ކަންކަން ވިލަރެސް ކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެއީ ޒިންމާއިން ރެކިގަތުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.