ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރަށް ނުސީދާކޮށް، ބަހުގެ ހަމަލާތަކެއް މިއަދު އަމާޒުކުރައްވައިފިއެވެ.

މާލޭގެ ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި، ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ވަކި މެމްބަރެއްގެ ނަން ވިދާޅު ނުވެ، ޝަރީފް ދެއްކެވި ވާހަކަތަކުގައި ޖާބިރު ހުށަހެޅުއްވި ބިލަކީ، އޭނާގެ އަމިއްލަ ފައިދާއަށް، އޭނާގެ މަގުބޫލްކަން އިތުރު ކުރަން ކުރާ ކަމެއް ކަމަށް ސިފަ ކުރެއްވިއެވެ.

އަދި މި އަހަރުގެ ބަޖެޓްގެ މަސައްކަތް ނިމުނު ފަހުން އިދާރީ މަސައްކަތްތަކަށް އަތް ބާނަން ފުރުސަތު ލިބޭގޮތަށް މަޖިލީހުން ގަރާރެއް ފާސްކޮށްގެން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

" ކޮންމެ މެމްބަރަކު މިތަނަށް އައިސް ތިމާ އަމިއްލައަށް މަޝްހޫރުވާން ވެގެން، ތިމާގެ ޖާހު ބޮޑުކުރަން ވެގެން، ތިމާ ރައްޔިތުންނަށް އޮޅުވާލަން ވެގެން، ތިމާ ރައްޔިތުންނަށް މާ ހެޔޮ މީހެއް ކަމަށް ހެދެންވެގެން މި ތަންތަނަށް އައިސް، މައްސަލަތައް ހުށަހަޅާ، ގަރާރުތައް ހުށަހަޅާ، ދައުލަތް ބަނގުރޫޓު ކުރުމާ ދިމާލަށް މިސްރާބު ހިފުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަން ހައްލުކުރުމަށް ޖާބިރު ހުށަހެޅުއްވި ގަރާރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 

މެމްބަރު ހަސަން މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލީސް އިދާރާ

 

ޝަރީފްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ އެ ގަރާރު ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ، ސަރުކާރަށް ވަކި ކަމެއް ކުރަން މަޖުބޫރުވާ ގޮތަށް ގަރާރެއް ފާސް ނުކުރެވޭނެ ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދަވައިދެއްވަން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

" ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަތަކުން މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުތަކެއް ލިބޭނެކަން އެބަ އިނގޭ. އަދި މި ފަސް އަހަރުގެ ދައުރު ނިމޭ އިރު އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ވާހަކަ ވެސް، އަދި އެކަން ކުރައްވާނެ ގޮތުގެ ތަފްސީލްތައް ވެސް ދެއްވާފައިވަނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދަން ޖާބިރު ގަރާރެއް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅެވެ.

އެ ގަރާރުގައި މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ މީހުންގެ ކުލީގެ 70 ޕަސަންޓު ސަރުކާރުން ސަބްސިޑީއެއް ދިނުމަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނގައިޗޯ ބަހުންމެޓާ

    ހަސަނާ އެކަންއެގޮތައް (ފަސްއަނހަރުނިމޭއިރު މުޅިރާއްޖޭގެ އެންމެންނައްބޯހިޔާވަހިކަން ފޯރުކޮއްދޭނެކަމައްބުނާއިރު)އެގޮތައްކުރަން ފައިސާހޯދަނީ ކޮނެގެންތަ.

    10
    1
  2. ޢަބްދުއްލަޠީފު

    50% ސަބްސިޑީ އެއް ހަމަ ޔަގީނުންވެސް ދެވިދާނެ، އެއީ ހަމަ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެއް. ނަމަވެސް އެކަން ކުރާނެ ގޮތަކާ ކުރެވޭނެ ގޮތެއް ރޭކާލާ އެކަކުވެސް ތިޔަ މަޖިލީހަކު ކީއްކުރަން މި ސަރުކާރަކުވެސް ނުހުންނާނެ. އަހަރެން ވެރިކަން ލިބިއްޖެނަމަ ޖާބިރު އެބުނާ ކަންތައް ކޮށްފާނަން. އެކަމަކު ކުރާނެ ގޮތް މަށެއް ކިޔާނުދޭނަން. މީކީ ސިޔާސީ ޢިލްމު ކިޔަވައިދޭ ޔުނިވަރސިޓީ އެއްނޫން. އެހެން ނޫނަސް ހިލޭ ނުލިބޭނެ. ޖާބިރު އެބުނާވާހަކަ ރަގަޅަކަސް އޭނަޔަކަށްވެސް އެކަން ކުރާނީ ކިހިނެއްކަމެއް ނުވިސްނޭނެ. ނުކިޔަވާހުރި ގަމާރަކަށް ކިހިނެއް ތިޔަރީ ކިޔާދޭން އެގޭނީ؟ މީ އިކޮނޮމީއާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެއް.

    9
    1