މިއަހަރުގެ އެންމެ ރީތި ހަނދު "ސުޕަރ މޫން" މިރޭ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މި ސުޕަރ މޫންއަށް ދީފައިވާ ނަމަކީ، "ސުޕާ ޕިންކް މޫން" އެވެ. އެއީ އުތުރު އެމެރިކާއަށް އަހަރު މިހައި ހިސާބުގައި ދިމާވާ ބަހާރު މޫސުމުގައި ފޮޅޭ "ފިޔާތޮށި"މަލަކާއި ގުޅުވައިގެން ދީފައިވާ ނަމެއް ކަމަށް ވެއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަގުތު:އަށް ވިދާޅުވީ ބޮޑު ހަނދު ރާއްޖެއަށް ސާފްކޮށް ފެންނާނީ މިރޭ ކަމަށާއި، ހަނދު އަރާނީ މިރޭ 18:41 ހާއިރު ކަމަށެވެ. އަދި އޮއްސޭނީ ހެނދުނު 6:11 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަނދު އެންމެ ރީއްޗަށް ފެންނާނީ މިރޭ 19:35 ހާއިރު ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވަނީ ކުރިން ވިދާޅުވެފައެވެ.

މެޓް އޮފީހުގެ އޮފިޝަލްގެ ވިދާޅުވިގޮތުގައި، ދުނިޔެއާއި ހަނދާއި ގާތް ވާނީ މިރޭ އެވެ. އެހެންކަމުން ބޮޑު ހަނދު ވަރަށް ރީއްޗަށް މިރޭ ފެންނާނެ އެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާ ކުރެވޭގޮތުން މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ނަމަވެސް ބައެއް ރަށްތަކަށް ކުޑަކޮށް ކެރިކޮޅެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކެރިކޮޅު މި ދުވަސްކޮޅު އަންނައިރު، ކުޑަކޮށް ގުގުރާލަފާނެ، އަނެއްހެން ވިއްސާރައެއް ނެތް ބޮޑު، މެދުތެރެއަށް މޫސުން ވަރަށް ރަނގަޅު". އޭނާ ވިދާޅުވިއެވެ.

އަދި މުޅި ރާއްޖެއަށް މި ހަނދު ފެންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.