މާލޭގައި ހުންނަ ބިޒް މޮބައިލް ފިހާރަ ފަޅާލައި އެތަނުން 75،000ރ. ގެ މުދާ ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހު ބިޒް މޮބައިލް ފިހާރައިން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް 62،000ރ. ގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ އިރު، ބާކީ ވަގަށް ނެގި އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 36 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެކެވެ. މި މީހުން އެ ތަނުން ވައްކަންކުރި ކަމަށް އެއްބަސް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން 39 އަހަރުގެ ފިރިހެން މީހަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަން ދޫކޮށްލާފައިވާ މީހެއް ކަމަށާއި އެހެންވެ، މިހާރު އޭނާ ކަރެކްޝަންސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބިޒް މޮބައިލް ފިހާރައިން ބަޔަކު ވައްކަން ކުރިއިރު، އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަޅާލައި، 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.