އާބޫދާބީގެ ހިލޭއެހީގެދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބީލަށް ހުށަހެޅުމުގެ މުއްތަދު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން.، މިނިސްޓްރީ އޮފް ފިނޭންސް އިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 30 މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާ ނުވަތަ 32.00 ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 12 އޭޕްރީލް 2020 އިން 10 މެއި 2020 އަށް، އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމަށްވެސް އެ އިޢުލާންގައި ވަނީ ބުނެފައެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ކުންފުނީގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރަކާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] އަށް ފޮނުއްވުމަށް އެދޭ ކަމަށާއި، މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 12 އޭޕްރީލް 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގަިއ ވަނީ ބުނެފައެވެ.

މާފަރު އެއާރޕޯޓް ތަރައްގީކޮށްފައި ވަނީ ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ރަންވޭއެވެ. އަދި ރަންވޭ އިތުރު އެއް ކިލޯ މީޓަރަށް ބޮޑުކޮށްފިނަމަ ދުނިޔޭގެ އެންމެ ބޮޑު އެއާރކްރާފްޓް މި އެއާޕޯޓަށް ޖެއްސޭނެއެވެ. އަދި ޕްރައިވެޓް ޖެޓްތައްވެސް އެކޮމޮޑޭޓް ކުރާ ފެންވަރަށް މި އެއާރޕޯޓް ވަނީ ތަރައްޤީ ކޮށްފައެވެ.

12 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓު ރަސްމީކޮށް ހުޅުވާ، އެތެރޭގެ އުދުހުންތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ.

މާފަރު އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެ ރަންވޭއަކީ އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ. އެންމެ ފުރަތަމަ މި އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ދިވެހި ކުންފުންޏެއް ކަމަށްވާ، ނޫނު ހޮޓެލްސް ނަމަކަށް ކިޔާ ކުންފުންޏަކާއި އެވެ. 2007 ވަނަ އަހަރު ހަވާލުކުރި މި އެއާރޕޯޓުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްނުދާތީ، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައި މާފަރު ރައްޔިތުންނާއި، މުޅި ނ. އަތޮޅުގެ ރައްޔިތުން ވަނީ މެދުނުކެނޑި 28 ދުވަސް ވަންދެން އިޙްތިޖާޖުވެސް ކޮށްފައެވެ.