މާބަނޑު މީހުންގެ ކުދިން މަރުވާ މައްސަލަ ގިނަވެފައިވާތީ އެކަމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލެއް ވޭތޯ ބަލަން ފުލުހުންނަށް ދަންނަވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މާބަނޑުވާ މީހުންގެ ކުދިން މަރުވާ މައްސަލައަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.

އެފަދަ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް އަންގާ އަމުރު ކުރެއްވުމުގެ ބާރު ޕީޖީ އަށް ލިބިވަޑައިގަންނަވާ އިރު އެކަން އެގޮތަށް ނުކުރައްވާ ސަބަބާ މެދުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ ތަހުގީގު ކުރަން އަމުރު ކުރުމުގެ ބާރު ބޭނުން ކުރައްވަން ބޭނުން ނުވާ ކަމަށެވެ.

"މާބަނޑުވާ މީހުންގެ ކުދިން މަރުވާ މައްސަލަ އަޅުގަނޑު ވަރަށް ކަންބޮޑުވި ކަމެއް. އަޅުގަނޑު ވާނެ އެ ކަންތައް ބަލަން ދަންނަވާފައި. އެކަން އަޅުގަނޑުމެން ބެލިން. ބަލާފަ އެކަމުގައި ކަމެއް އުޅޭތޯ ބަލަން އަޅުގަނޑުމެން ދަންނަވާފަ ވާނެ. އެހެންވީމަ އެކަން ވެސް ކުރިއަށް ދިޔަ. އަޅުގަނޑުމެން އަމުރެއް ކުރާކަށް ނުޖެހުނު،" ޕީޖީ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޝަމީމް ވަނީ ތަހުގީގު ކުރަން އަމުރު ކުރުމުގެ ބާރު ބޭނުން ކުރާ ގޮތުގެ ތަފްސީލް ހާމަކުރައްވައިފައެވެ.

ޕީޖީ އޮފީހުން ތަހުގީގު ކުރުމުގެ އަމުރެއް ނެރެނީ މައްސަލައެއް ތަހުގީގު ނުކުރާ ނަމަ ނުވަތަ ތަހުގީގު ނުކޮށްފާނެ ކަމަށް ގަބޫލު ކުރެވޭ ހާލަތުގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ތަހުގީގުކުރުމުގެ އަމުރަކީ ގާނޫނުއަސާސީން ލިބޭ ވަރަށް ޚާއްސަ ބާރެއް ކަމަށާއި އާންމު އުސޫލެއްގެ ގޮތުން އަމުރު ކުރަން ބޭނުން ނުވާކަން ޝަމީމް ވަނީ ފާހަގަ ކުރައްވައިފައެވެ.

މަވެސް ބައެއް މުހިންމު މައްސަލަތައް ތަހުގީގުކުރަން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.

"އަސާސީ ހައްގެއް ނަރުދަމާ އެޅުމަކީވެސް އެކަމަކު ޕީޖީ އޮފީހުން ނަރުދަމާ އެޅުމާއި މެދު ވާހަކަ ދެއްކީމާ ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑުމެން ގާނޫނުއަސާސީން ލިބޭ ބާރުތައް ބޭނުން ކުރަން މިއުޅެނީ، ގަސްތުކުރަނީ ވަރަށް އާދަޔާ ޚިލާފް ހާލަތްތަކުގައި. އެހެން ނޫނީއްޔާ ކޮންމެ ފަހަރަކު ކޮންމެ ކަމަކަށް އަމުރު ކުރަން ވެއްޖެއްޔާ އަނެއްހެން ޕޮލިސް ސަވިސް އެއް އޮންނާނެ ކަމެއް ނެތް. މި ދެންނެވީ ޕީޖީ އޮފީހުން މުޅި ޕޮލިސް ސަރވިސް ހިންގާނީ. އެކަމަކު އެއެއް ނޫން މި ނިޒާމް ބައްޓަން ވެފައި އޮތް ގޮތަކީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މައްސަލަތައް ބަލަން ޕީޖީ އަމިއްލަ އިސް ނެންގެވުމަކަށް ދެންނެވުމުން، ފުލުހުން އެ މައްސަލަ އާއްމުކޮށް ކުރިއަށް ގެންދަވާ ކަމަށެވެ.