އިސްލާމްދީނުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއް ހިމަނާފައިވާ ރިޕޯޓެއް ނެރެފައިވާ އުތެމަ ޖަމިއްޔާ އަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތް ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައި ވާތީ އެކަމާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ފަރުދެއްވެސް އަދި އެއްވެސް ޖަމިއްޔާއަކުން ވެސް ގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ނުކުރެވޭނެ ކަމަށެވެ. ޑރ. އިޔާޒު ވިދާޅުވީ ކުރި ކުށުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު އަދަބު ދޭންޖެހޭނެ ކަމަށެވެ. އެންމެ ބޮޑު ހިޔާނާތްވުމުން [ދީނަށް ފުރައްސާރަ ކުރުން، ނުވަތަ ދީނާ ހިލާފު ވާހަކަ ދެއްކުން] ހަމައެކަނި ނަސޭހަތަކުން ނުފުއްދޭނެ ކަމަށާއި ގާނޫނީ ފިޔަވަޅު އަޅަން ވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ދީނީ ގޮތުން ފުށު އަރާ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ވެސް އަމަލުކުރާ އުސޫލަކީ އެބަޔަކަށް ނަސޭހަތްތެރިވުން ކަމަށެވެ.

"އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންނަށް ނަސޭހަތްދީ ކިޔައިދީ އެ ހުރި ކަންތައް އިސްލާހު ކޮށް ދިނުން. އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ އަޅުގަނޑުމެން ހަމަ އެ މޭރުމުން ކަންތައް ކުރާނީ." މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އުތެމަ ޖަމިއްޔާގެ މައްސަލާގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އެކަންތައް އެ ޖަމިއްޔާއިން ރަނގަޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ވެސް، އެއީ ދީނީ ގޮތުން މައްްސަލައެއް ކަން ސާފު ނުވާ ކަންކަން، ބައެއް ރިޕޯޓުތަކުގައި ހުރުމުން، މިހާރު އެ މައްސަލަތައް ހިމެނޭ ބައިތައް އެ ބޭފުޅުންގެ ރިޕޯޓުން ނެގި ވާހަކަ އުތެމަ ޖަމިއްޔާގެ ބޭފުޅުން ވަނީ މިނިސްޓްރީއާ ހިއްސާ ވެސް ކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ބަލަ މިސަރުކާރަކައް އިސްލާމް ދީނާ ރަސޫލާއައް ފުރައްސާރަ ކުރާ ބަޔަކާ ދެކޮޅައް އެއްޗެއް ބުނެވެން ނެއްކަން ފުރަތަމަ އިޔާޒުމެންގެ ތެރެއިން މިއުތަމަ ސަރުކާރައް ސަނާކިއާ މީހުނައް ނޭގެނީބާ މިސަރުކާރަކީ ރަސޫލާއައް ފުރައްސާރަކުރާ މީހުނައް ބޮޑު މުސާރަދީގެން ރައީސް އޮފީސް ތެރޭ ގެން ގުޅޭ ސަރުކާރެއްކަން ތިބޭފުޅާއައް މާރަގަޅައްވެސް އެނގޭނެ....

  2. ހަނި

    ފިވަލު އަލާކަަށް ނުކެރޭނެ ވަޒީފައިން ކަޑަލާފަނެތީ

  3. ކަމަނަ

    ރައްކޮޅާ ދީނުގެ ޙުކުމްތައް ރަނގަޅަށް ދަންނަޢިލްމުވެރިން ތެދުވެ މި އުތަމަގެ ރިޕޯޓް އަދި އެއްފަހަރު ޗެކުކުރައްވާ ދީނެއް ޤައުމެއްނެތް މިތާކު އެންމެން ތެދުވާންވެއްޖެ

  4. ޢަޒްރާ

    ޒާހިރުގެ އަނގަ ރަނގަޅުކުރީ

  5. މުފީދު

    ދެން ހުރެގެން އަމިއްލަޔަށް ފަޅައިގެން ދާންވީއެއްނު ޝޭހް.
    ބަލަ ޝޭހްއަށްވެސް ހަމަ ރަނގަޅަށް ގަބޫލުކުރެވޭނެ އިސްލާމިކް މިނިސްޓަރަށް އޮތީ ދެގޮތެއްކަން، ބުނާގޮތަށް ނެހެދެންޏާމު މަގާމްދޫކޮށްފައި ވަޑައިގަންނަވަންވީ، މަގާމް ބޭނުމިއްޔާމު ބުނާގޮތަށް ހަދައިގެން ހުންނަންވީ. ދެން ޝޭހަށްވެސް އެނގެންޖެހޭ މިއޮތް ދަތި ދުވަސްވަރު މަގާމްދޫކޮށްފައި މިވަގުތު ދިއުމަކީ ބުއްދިވެރިކަމެއްނޫންކަން. އެހެންވީމައި ޒާހިރުމެން އިމްރާންމެން އެބެނީ. ކަލޭމެން ގްރޫޕްގެ އަނެކަކު އެހުންނަނީއެއްނު މެލޭޝިއާ އެމްބަސީގައި މުސާރަ ނުހިނގާ ވަޒީފާއެކޯ. ހުސް ބަތާހަރާމެން މިތިބީ.