އައްޑޫ ސިޓީ ހިތަދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ އައްޑޫ ސިޓީ ހިތަދޫ ޗެކްމާކް ފިހާރަ ކައިރީގައެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން އެހެން ސައިކަލެއްގައި ޖެހި ދެމީހަކަށް އަނިޔާވި ކަމަށެވެ.

އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެ އިތުރު އަނިޔާތަކެއް ވަނީ ލިބިފައެވެ.

ދެވަނަ މީހާ އަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ބަލާބެލުމަށް އޭނާ އަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެކްސިޑެންޓްވި ދެސައިކަލް ވަނީ އެކްސިޑެންޓް ވުމާއި އެކު ވަރަށް ދުރަށް ބުރައިގެން ގޮސްފައެވެ. އެކްސިޑެންޓްވި ދެސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.