ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އަދްމިރަލް ނަޒްމުލް ހަސަންއާ މަޝްވަރާ ކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަކު ކުރި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އެ މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ހާއްސަކޮށް، ޓޫރިޒަމްގެ ދާއިރާ އިން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

މައުސޫމް، މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ބޭރުގެ އެކިއެކި ސަފީރުންނާ ދަނީ ބައްދަލު ކުރައްވަމުންނެވެ.

އެގޮތުން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޖޮންގް އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ ބައްދަލު ކުރެއްވިއެވެ.

މި ބޭފުޅުންނާ ބައްދަލު ކުރައްވައި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.