ރާއްޖެ އިން ޕޯލިއޯ އަލުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް އިއްޔެ އާންމު ކުރެއްވި ޑަބްލިއުއެޗްއޯގެ ގްރާފް ދައްކާ ގޮތުގައި ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޕޯލިއޯގެ ނުރައްކާ ކުޑަ ގައުމެކެވެ.

ނަމަވެސް ބަލީގެ ސަވައިލެންސް ލެވެލްގައި ރާއްޖެ ހިމެނެނީ މެދުމިނުގެ ގައުމެއްގެ ގޮތުގައެވެ.

ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ ގްރާފުން ދައްކައި ދެނީ ޕޯލިއޯއާ ގުޅުން ހުރި މުހިންމު ކެޓަގަރީތަކުން ރާއްޖެއަށް ކުރެވުނު މަސައްކަތްތައް ރަނގަޅު ކަމެވެ. އެހެންވެ، އޭނާ ވަނީ ސިއްހީ ހިދުމަތްތެރިންނާއި ބެލެނިވެރިންނާއި ކުޑަކުދިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ޔުނިސެފް މޯލްޑިވްސް އާއި ޑަބްލިޔުއެޗްއޯ މޯލްޑިވްސް އިން ދެމުން އަންނަ އެހީތެރިކަމަށް އެ ދެ ޖަމިއްޔާއަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ޕޯލިއޯގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ އެފްރިކާއިން މި ބަލި ނައްތާލުމަށް އެ ސަރަޙައްދުގެ ގައުމުތަކުން މަސައްކަތް ކުރަމުންދާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. މިގޮތުން 1996 ވަނަ އަހަރުން ފެށިގެން އެފްރިކާ ސަރަޙައްދުގެ ގައުމުތަކުގައި ވެކްސިން ދިނުމަށް ކުރިޔަށް ގެންދިޔަ ކެމްޕޭނުތަކަށް 9 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައި ވެއެވެ.

އެފްރިކާގެ އިތުރުން ޕޯލިއޯ ނައްތާލެވުނު ސަރަޙައްދުތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި އެމެރިކާގެ އިތުރުން ޔޫރޮޕްގެ ޤައުމުތައް ހިމެނެއެވެ. ނަމަވެސް ބަލި ނައްތާލެވިފައިވާ ބައެއް ޤައުމުތަކުން މީގެ ކުރިން ބަލީގެ އާ ވޭދަނަތައް ވެސް ފެންމަތިވެފައި ވެއެވެ.

ޕޯލިއޯގެ ނުރައްކާ ދުނިޔޭގެ 125 ގައުމަކަށް ކުރިމަތިވެފައި ވެއެވެ. އޭގެ ފަހުން ކުރިޔަށްގެންދެވުނު ވެކްސިން ޕްރޮގްރާމްތަކުގެ ދަށުން މި ބައްޔަށް ހުށަހެޅިފައިވާ ގިނަ އަދަދެއްގެ ކުދިން ސަލާމަތްކުރެވިފައި ވެއެވެ.

ޕޯލިއޯ އަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ނާރުތަކަށް އަސަރުކޮށް، "މަސަލް" ތަކުގެ ބާރު ދަށްވެ ވާގިނެތެން މެދުވެރިވެއެވެ. އަދި ބަލީގައި ނޭވާލާ ނިޒާމުގެ މަސަލްތަކުގެ ބާރު ދަށްވެއްޖެނަމަ ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތުވެސް އޮވެއެވެ. މި ބަލި ފެތުރެނީ ތަޣައްޔަރުވެފައިވާ ފެނުގެ ޒަރިއްޔާއިންނެވެ.

އެންމެ ފުރަތަމަ ދުނިޔެއިން ޕޯލިއޯ ފެނުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ 1840 ވަނަ އަހަރުއެވެ. މި ބަލީގެ ނުރައްކާ ދުނިޔެއަށް އެންމެ ބޮޑުވެގެން ދިޔައީ 1980 ގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ރާއްޖެ އިން ޕޯލިއޯ އަލުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
    ވާވަރަށް ވެކްސިން ޖަހައިފިއެވެ