ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެރަށުގެ މަގުތަކުގައި ތާރު އަޅަން ފެށޭނެ ކަމަށެވެ.

މަގު ތަކުގައި ތާރަ އެޅުމަށް ބޭނުންވާ އެސްފޯލްޓު މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ރަށަށް ވަނީ ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައި ވަނީ 3.5 ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރުލުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މި މަޝްރޫއަކީ ހައުސިން މިނިސްޓްރީން 25.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

ފޮނަދޫ އެތެރޭ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުއަކީ ދެ ފަހަރެއްގެ މަތިން މަޑުޖެހިފައިވާ މަޝްރޫއުއެކެވެ. މިގޮތުން ފޮނަދޫގެ މަގުތަކުގައި ތާރައެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރީ ސްރީލަންކާގެ ކުންފުންޏަކާއެވެ.

ނަމަވެސް މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ނުދާތީ އެމްއާރުޑީސީއާ މަސައްކަތް ހަވާލު ކުރިއެވެ.