ދަތުރު ދިއުމަށް ހާއްސަކޮށްގެން ހަދާފައިވާ ތ. ވޭމަންޑޫ ތުނޑި ރަސްމީކޮށް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މި ތުނޑި ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެއް ކަމަށްވާ އަރީފް އާދަމް ބުނީ މިއީ ވޭމަންޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރި ބުރަ މަސައްކަތެއް ކަމަށާއި، މި މަސައްކަތް ކޮށްފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއި، އެއްބާރުލުމާއި އެކުގައި ކަމަށެވެ.

އެތަނަށް ދީފައިވާ ނަމަކީ "ފަރުހިލާ ތުނޑި"އެވެ.

ތ. ވޭމަންޑޫ "ފަރުހިލާ ތުނޑި"

އޭނާ ބުނީ ވޭމަންޑޫ ތުނޑީގައި ޒަމާނީ "ޕިކުނިކު އޭރިއާ"އެއް ތަރައްގީކޮށްފައިވާ ކަމަށެވެ.

މިއަދު ހަވީރު 16:00 ގައި މި ޕިކްނިކު އޭރިއާ ރަސްމީކޮށް ރަށުގެ ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް އޭނާ ބުންޏެވެ.

އަރީފް ފާހަގަކުރި ގޮތުގައި މިތަނުގައި ވަނީ އާންމުންނަށް ހާއްސަކޮށް ވަރަށް ގިނަ ތަންތަން ހަދާފައެވެ.

ތ. ވޭމަންޑޫ "ފަރުހިލާ ތުނޑި"

"އަޅުގަނޑުމެން އަމާޒުކޮށްފައި ވާނީ، ލަކުޑި ފަދަ އަވަހަކަށް ހަލާކުވާ ބާވަތްތަކަށް ވުރެ ސިމެންތި ބޭނުންކޮށްގެން ތަންތަން ހެދުމަށް. އޭތުން ގިނަ ދުވަހަށް ދެމި ހުންނާނީ" އަރީފް ބުންޏެވެ.

ތ. ވޭމަންޑޫ "ފަރުހިލާ ތުނޑި"

އަރީފް ބުނީ، މިތަން ތަރައްގީކޮށްފައިވާނީ ގިނަ ކުޅިވަރުތަކެއް ކުޅޭވޭނެހެން ކަމަށާއި، އެގޮތުން ފުޓްބޯޅަ، ވޮލީ ފަދަ ގިނަ ބީޗް ކުޅިވަރުތަކެއް އެތަނުގައި ކުޅެވިދާނެ ކަމަށެވެ.

މި ތަން ހެދުމަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާގެ އެހީ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ގާތްގަނޑަކަށް ލައްކަައެއްހާ ރުފިޔާ ހޭދަވި އެތަނުގެ މަސައްކަތަށް ކޮމިއުނިޓީ ފަންޑުގެ އިތުރުންވެސް އެހެން ހެޔޮ އެދޭ ފަރާތްތަކުން އެހީ ލިބިފައިވާ ކަަމށް އަރީފް ބުންނެވެ.

މި ތުނޑި ހުޅުވުމަށް މިއަދު އެތަނުގައި ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެ އެވެ.