ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އިން ކޮވިޑް-19 އަށް ފައްސިވި އެންމެން ރަނގަޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެ ކުދިންނެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންގެ ހިޔާ މޮނީޓަރިންގ ހާލަތުން ނަގާފައިވާ ކަމަށެވެ. އަދި އެތަނުން ކޮވިޑް-19 އަށް ފައްސިވި ކުދިންވެސް ނަތީޖާ ނައްސިވެ، ކޮންޓެކްޓުންގެ ގޮތުގައި ފާަހަގަކުރެވުނު މީހުންގެ ނަތީޖާވެސް ނައްސިވެފައިވާ ކަަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުޑަކުއްޖެއްގެ ކިބައިން، ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރުމުން ކޮވިޑް-19 އަށް ފައްސިވި އޮކްޓޯބަރު އަށް ވަނަ ދުވަހުއެވެ.

އެތަނުން ދެ ކުދިން ފައްސިވިއިރު، ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖެއްސިއެވެ.

ހިޔާއިން ކުދިންތަކެއް ފައްސިވިއިރު، ހުޅުމާލޭގައި ހުންނަ ފިޔަވަތިވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ފައްސިވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 11،532 އަށް އަރާފައެވެ.