40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.

ދެކުނުގެ އަތޮޅުތަކައް ހުޅަނގުދެކުނާއި ހުޅަނގުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މިއަދު ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.