މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ރޭ ހިނގާދިޔަ ނުރައްކާތެރި ހާދިސާއާއި ގުޅުން ހުރި މީހުން ސަސްޕެންޑް ކޮށްފިއެވެ.

އެފަރާތްތަށް ސަސްޕެންޑް ކޮށްފައިވާކަން އެމްޕީއެލްއިން ވަނީ މިރޭ ކަށަވަރުކޮށްދީފައެވެ.

ރޭ ހިނގާދިޔާ ހާދިސާގައި އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ. އިމްރާނަކީ އެމްޕީއެލްގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށްވެއެވެ.

މި ހާދިސާގައި އެ ޒުވާނާއަށް އަނިޔާވެފައިވަނީ ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެންނެވެ.

އެމްޕީއެލުން ނެރެފައިވާ ބާޔާނެއްގައި ބުނީ، ރޭ މާލޭ ވިޔަފާރި ބަނދަރުގައި ހިނގާ ދިޔަ ހާދިސާގައި "މިނާ އިންވެސްޓްމެންޓް" ކްލިއަރަންސް ގްރޫޕުގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެ ހާދިސާއާއި ގުޅިގެން އެ ކުންފުނީގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މިއަދު އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް އެމްޕީއެލްއިން ނެރުނު ބަޔާނުގައި ވެއެވެ.

އެމްޕީއެލް އިން ބުނީ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާއި ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އެމްޕީއެލް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް، ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާއި ބެހޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި ޒުވާނާއަށް މިވަގުތު އައިޖީއެމްއެވއ ގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެޒުވާނާގެ ހާލު ކްރިޓިކަލް ކަމަށެވެ. އެހެން ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ހޮސްޕިޓަލުން ވަނީ އެ ޒުވާނާގެ އޮޕަރޭޝަނެއް މިއަދު ކޮށްފައެވެ.

ރޭ ދަންވަރު ނުރައްކާތެރި ހާދިސާއެއް އެމްޕީއެލް ބަނދަރުގައި ހިނގާފައިވާއިރު، ދާދިފަހުންވެސް އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެގެން ދިވެއްސަކު ވަނީ ނިޔާވެފައެވެ.