ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ދެ ނޫސްވެރިން ކަމަށްވާ މުހައްމަފު ފަޒީން އާއި ޝިފްޒާ މުސްތަފާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް ރުހުން ހޯދުމަށްޓަކައި 11 މީހެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވެވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވައި، މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެ ދެ ނޫސްވެރިންނަށް ރުހުން ލިބިފައިވަނީ ކޮމެޓީގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ކަމަށެވެ.

ކޮމެޓީން ރުހުން ލިބުނު ދެ ނަމުގެ ތެރެއިން މަޖިލީހުގެ ތަޅުމުން ފާސްކުރާނީ ކޮންމެވެސް އެއް ނަމެކެވެ. ކޮންމެ ނަމަކަށް ވަކިވަކިން މަޖިލީހުން ވޯޓަށް އަހާނެވެ. އެންމެ ފުރަތަމަ ވޯޓަށް އަހާ މީހާއަށް އަގުލަބިއްޔަތު ލިބިއްޖެނަމަ ދެން އޮތް ނަމަށް ރިޔާސަތުން ވޯޓަށް ނާހާނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. މަގާމުން އޭނާ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފަށާފައިވަނިކޮށެވެ. ޒީނާ އެ ކޮމިޝަނަށް އައްޔަން ކުރީ، މިދިޔަ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް އަށާރަވަނަ މަޖިލީހުން ރުހުން ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހްމަދު އީސާ

    ފަޒީންގެ ތައުލީމީ ފެންވަރު ޖަހާލިނަމަ. ބަޔަކު މޮޔަވެދާނެ. ގައުމުގެ މީޑިއާ ރެގިއޭޓް ކުުރާ ބޯޑައް މިފެންވަރުގެ މީހުން ލީމަ ލަދުގަނޭ .

  2. އަންނި

    ޝިފްޒާއައް މިމަގާމު ހޯދަ ދޭނަން.