(ނަވާރަވަނަ ބައި)
ކޮންމެވެސް ދިމާއަކުން އަލީފަށް އެ ނަން އަޑު އިވިފައި އޮތުމުންނެވެ. އެ ނަމުގެ ވެރިފަރާތް އަލީފްގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. އިހަވަންދޫއަށް ކުރި ދަތުރުގައި އަހްލާމާއެކު ފެނުނު ކުއްޖަކީ ނަފާޒާކަން އަލީފްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އާސިފް ނަފާޒާގެ ނަން ހާމަކުރިކަން އޭނާ ހަނދާންވިއެވެ. އަހަލްމާއެކު ލޯބީގެ ގުޅުމެއް ބާއްވަން ބޭނުންވާނަމަ ނަފާޒާގެ އެހީ ހޯދުމަށް އާސިފް ލަފާދިނެވެ.
އެއީ އަހްލާމްގެ އެންމެ ގާތް އެކުވެރިޔާއަކީ ނަފާޒާ ކަމުގައި ވުމުންނެވެ. އެހެނަސް އަލީފް އެކަން އެގޮތަށް ކުރަން ބޭނުން ނުވީ އެއީ ނިކަމެތި ގޮތަކަށް ވުމުންނެވެ. ޖެހިލުމެއް ނެތި ލޯބިވާކަން ހާމަކުރަން ޖެހޭނީ ރަނގަޅު އިރުވަރެއް ބަލައިފަކަން އަލީފަށް އެނގޭތީއެވެ. އެންމެ ރަނގަޅު ވަގުތެއް ހޯދާފައި، ލޯބިވާ ވާހަކަ ބުންނަން ޖެހޭނީ ލޯބިވާ ކުއްޖެއްގެ ގާތުގައިކަން އޭނާއަށް ކަށަވަރުވާތީއެވެ. އެ ވާހަކަ ބުނަންޖެހޭނީ ހަމައެކަނި އަހްލާމްގެ ގާތުގައި ކަމަށް އަލީފްގެ ހިތް ބުނަމުން ދިޔައެވެ.
"މަޢަފްކުރައްވާ! ތިޔަ ގުޅުއްވި ނަންބަރު ވަނީ ނިއްވާލާފަ!" އަލީފް އަހްލާމްގެ ނަންބަރަށް ދެތިން ފަހަރަކު ގުޅައިލިއެވެ.
އަލީފް ވައިފިނިކުރާގެ ފިނި މަޑުކޮށްލާ އެނދުގައި ހަމަޖެހިލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އަހްލާމްގެ ހަނދާންތަކެވެ. އަހްލާމްގެ ރީތި އާދަތަކެވެ. އަހްލާމްގެ ހުންނަ އަދަބުވެރިކަމުގެ ސިފަތެކެވެ. އެ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް އަހްލާމް އޮފީހަށް އެއްވެސް އެއްޗެއް ނާންގައި، ނައިސް ހުރުން އެއީ އޭނާ ކުރާނޭ ކަމެއް ކަމަކަށް އަލީފްގެ ހިތް އެއްބަހެއް ނުވެއެވެ.
އަހްލާމް އޮފީހަށް ނާންނަތާ ހަފްތާޔަކަށް ވުރެއް ގިނަ ދުވަސްވުމުން އަލީފް އެކަމާ ފިކުރުކުރަން ފެށިއެވެ. އޭނާ އެކަމާ ކަންބޮޑުވަނީއެވެ. އަހްލާމަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނާގެ ހުރިހާ ހިއްސެއް ބުނަމުން ދިޔައެވެ. އެހެނަސް އާސިފަށް ގުޅައި އެ ވާހަކަތައް ދައްކާކަށް އަލީފް ބޭނުމެއް ނުވެއެވެ. އެނެއްކޮޅުން އަހްލާމްގެ މައިންބަފައިންނަށް ގުޅޭނެ މަގެއް އަލީފަކަށް ނުފެނުނެވެ. އެއީ އަލީފާއި އަހްލާމާ ދެމެދުގައި އުފެދެމުން ދިޔަ ގުޅުން އޭނާ އެއްވެސް މީހަކަށް އަންގަން ބޭނުން ނުވުމުގެ ނަތީޖާއެވެ.
"ހަލޯ!" އަލީފް ނަންބަރަކަށް ގުޅައިލިއެވެ.
"ޔޭސް! އަލީފް! ކިހިނެއް؟" ޒާހީ ވާހަކަދެއްކީ ކުރުކުރު ލަފްޒުތަކަކުންނެވެ.
"އަހަރެން ރަނގަޅު! ޒާހީ ކިހިނެއް؟" އަލީފްގެ އަޑު ހުރީ މޯޅިވެފައެވެ.
"އަހަރެން ވަރަށް ރަނގަޅު. އެކަމަކު އަހަރެންނަށް ޔަޤީން އަލީފް ރަނގަޅު ނޫންކަން!" ޒާހީއަށް އަލީފްގެ އަޑުގައި އެކުލެވިފައިވާ ހިތާމަ ނަގައިގަނެވުނެވެ. "ޒާހީ ޒާހިރަކަށް އަލީފެއް އޮޅުވައެއް ނުލެވޭނެ! އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. ކިހިނެއްވީ އެނެއްކާ؟"
"ހުމް! ވަރަށް ބޮޑު ކަމެއްވެގެން މިއުޅެނީ!" އަލީފް އޭނާގެ ދުވަސްވީ ރަހްމަތްތެރިޔާ ވާހަކަދެއްކީ ގަދަކަމުން ހިނިތުންވެ ހުރެއެވެ. "ހިނގާބަލަ! ބައްދަލުކޮށްލަން! އަހަރެން ބޭނުން ވެގެން އުޅޭ ގޮތް ވަރަށް ރަނގަޅަށް ޒާހީއަށް ކިޔައިދޭން!"
"އެންމެ ރަނގަޅު! އަހަރެން އެބަ ދާން ތިގޭ ކައިރިއަށް. ތައްޔާރުވެގެން ތިރިއަށް އާދޭ!" ޒާހީ ވަގުތުން އަލީފްގެ ގެއާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ.
"ކިހިނެއްވީ؟" ޒާހީ ސުވާލުކޮށްލިއެވެ.
"އަހަރެންނަށް ނޭނގޭ މި ވާހަކަތައް ފަށާނެ ހިސާބެއް." އަލީފް މޭޒުމަތީގައި ހުރި ކޮފީތަށިން ކޮފީ ފޮދެއް ބޮއެލިއެވެ.
"ފެށިގެން ފަށާބަލަ!" ޒާހީ އަލީފްގެ ވާހަކަ ކަނުލައި އަޑުއަހަން އިނެވެ.
"އަހަރެންގެ އޮފީހަށް އަލަށް ވަން ކުއްޖެއް! އޮފީހުގަ އުޅޭތާ އަދި ދެތިން މަސް ވާނީ. ދެން ވީނުވީއެއް ނޭނގި އޮފީހަށް އެއްވެސް އެއްޗެއް ނާންގައި، އޭނާ އޮފީހަކަށް ހާޒިރެއްނުވޭ!" އަލީފް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އޭނާގެ އަހްލާޤު ހުންނަ ގޮތުން ހިޔެއްނުވޭ އޮފީހަށް ނާންގައި އެގޮތަށް ވަޒީފާ ދޫކޮށްލަފާނެހެން."
"ސޯ! އަލީފްމެން މަސައްކަތްކޮށްފިން ދޯ ގުޅޭތޯ؟" ޒާހީ ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުގައެވެ. "އޭނާގެ އާއިލާގެ މެންބަރަކަށް ގުޅިންތަ؟"
"ވަރަށް މަސައްކަތް ކޮށްފިން އަހްލާމްގެ ނަންބަރަށް ގުޅޭތޯ. އަދި އޭނާ ދީފައިން އެމަރޖެންސީ ނަންބަރަށްވެސް ގުޅިން." އަލީފް ވާހަކަދެއްކީ އުއްމީދު ގެއްލިފައިވާ މީހެއް ފަދައިންނެވެ. "އެކަމަކު ޖަވާބެއް ނުދޭ! އެކަމަކު އޭނާގެ އާއިލާގެ މެންބަރެއްގެ ނަންބަރު ނެތީމަ ނުގުޅޭ!"
"އެހެންވީމަ ފުރަތަމަ ބަލަންވީ އަހްލާމްގެ އާއިލާއަށް ގުޅޭތޯއެއްނުން." ޒާހީ ކޮފީތަށި ނަގައި ކޮފީ ފޮދެއް ބޮއެލިއެވެ. "އަހަރެންނަށް ފޮނުވަބަލަ އަހްލާމްގެ އާއްމު މައުލޫމާތުތައް."
"ޒާހީއާވެސް ކޮންޓެކްޓް މިކުރީ އާއިލާގެ ނަންބަރެއް އަހަރެންގެ އަތުގައި ނެތަތީ!" އަލީފް ފޯނު ނަގައި ޒާހީއަށް މެސެޖެއް ފޮނުވާލިއެވެ.
"އިބޫ! އަހަރެން ދެންމެ ފޮނުވާލި މެސެޖްގަ އިން ކުއްޖާގެ ނަން ޑާޓާބޭސްއިން ސާރޗްކޮށްލަބަލަ!" ޒާހީ ގުޅީ އޭނާގެ އޮފީހުގައި މަސައްކަތްކުރާ ކުއްޖަކަށެވެ. "އެ ކުއްޖާގެ އާއިލާގެ މެންބަރުންގެ ފޯނު ނަންބަރުތައް ނޯޓް ކޮށްލާތި!"
"އަހަރެންގެ ފަރާތުން މި މައްސަލަ ފުލުސް އޮފީހަށް އެންގުމަށްވުރެއް ރަނގަޅުވާނީ އާއިލާގެ މެންބަރުން ފުލުސް އޮފީހަށް އެންގީމަތާ؟" އަލީފް ގޮނޑީގައި ހަމަޖެހިލިއެވެ. "ޒާހީމެން ކަހަލަ ފުލުސް އޮފީހުގެ ބޮޑުންނާ ވާހަކަދެއްކީމަ މިކަން ކޮށްލަން ފަސޭހަވާނެތާ؟"
"އަލީފްވެސް ތިއީ ކުޑަ މީހެއް ނޫނެއްނުން! ދެން މައުޟޫ އޮޅުވާނުލާ!" ޒާހީ ކޮފީތަށިން އެތިފޮދެއް ބޮއެލިއެވެ. "އަހްލާމް މީ ކޮން ކުއްޖެއްތަ؟"
"އޮފީސް ކުއްޖެއް!" އަލީފް ދިނީ ވަރަށް ކުރު ޖަވާބެކެވެ. "މުޅިން އަލަށް ކުއްޖަކު އެގޮތަށް އޮފީހުން ކެނޑޭތީ އަހަރެންނަށް މަޑުން ނުހުރެވެނީ."
"ނުވާނެ ތިޔަހެންނެއް! މިހާރު އަހައިފިންތަ؟ އެނެއްކާ ރައްޓެހިވެގެންތަ ތިއުޅެނީ؟" ޒާހީ އަލީފާއި ދިމާކޮށްލިއެވެ. "ހާދަ ސިއްރަކުން ތި އުޅެނީ! ކޮން ދުވަހަކުން ފަހަރިއަކަށް ވާނީ؟"
"ހިއްހިއް! ޒާހީގެ ޑިޓެކްޓިވް ސްކިލް ވަރަށް ރަނގަޅުވެއްޖެ! އެކަމަކުވެސް އެއީ އަހަރެންގެ ބިޓެއް ނޫން! އަސްލުވެސް އޮފީސް ކުއްޖެއް!" އަލީފް ޒާހީއަށް ދުލެއް ނުކުރިއެވެ. "ކިތަންމެ ގިނައިން ސުވާލުކުރިއަސް ހަމަ އަހަރެންނަށް ބުނެވެން އޮތީ އޮފީސް ކުއްޖެކޭ!"
"އަހަރެން ޤަބޫލެއްނުކުރާނަން!" ޒާހީ ފޯނަށް އައި މެސެޖަކަށް ޖަވާބު ދެމުން ދިޔައެވެ. "އަދިވެސް ނާހަންތަ؟ ތި ގޮތަށް ހުއްޓައި ކާޅު ތެޔޮ ނާށިގަނޑު ޖަހައިގަތެގެން ދާނީ! ލަސްނުކޮށް އަވަހަށް ބުނޭ!"
"އައްސަލާމް ޢަލައިކުމް!" އަލީފަށް އައި ކޯލަކަށް އޭނާ ޖަވާބުދިނީ ޒާހީ ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދު ނުދީވޭތޯއެވެ.
"ވައިލައިކުމް ސަލާމް!" އެކޮޅުން ވާހަކަދެއްކީ އަންހެން ކުއްޖެކެވެ. "އަލީފްތޯ؟"
"ލައްބަ! އަލީފް ވާހަކަދައްކަނީ؟"
"މިއީ ނަފާޒާ! އަހްލާމްގެ ބެސްޓް ފްރެންޑް!" ނަފާޒާ އަލީފަށް ތައަރަފްވިއެވެ.
"ޔޭސް! ކީކޭ ނަފާޒާ!" ނަފާޒާ ބުނަން އުޅޭ ވާހަކައެއް އަޑު އެހުމަށްޓަކައި، އަލީފްގެ ހިތް ނެގިނެގިފައި މޭގައި ޖެހެމުން ދިޔައީ ނިކަން ބާރަށެވެ.
(ނުނިމޭ)
އަވަސް އިނގ
ކޮބާ ވާހަކަ .... ކޮންެއިރަކުން ދެން އިންބައި އަޕް ވަނީ.... އަވަސް ކޮއްލާ