މިހާރު އުތުރުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ކުޅުދުއްފުށި ސްކޫލް ފުރާޅަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "ވަގުތު" އަށް ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގަދައަށް ވައި ޖެހުމުގެ ސަބަބުން އެރަށު ސްކޫލްގެ ފުރާޅަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި ރަށުގެ އާންމުން ދިރިއުޅޭ ބައެއް ގެތަކަށްވެސް ވައިގަދަ ވުމުގެ ސަބަބުން ގެއްލުން ލިބެމުން އަންނަަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެރަށު ގެއެއްގެ ފުރާޅުން ބައެެއް ވައިގަދަވުމުގެ ސަބަބުން އެއްލާލައިފައިވާ ކަމަށެވެެ.

އޭނާ ވިދާޅުވީ، މިިއަދު ހެނދުނުން ފަށައިގެން ގަދައަށް ވައި ޖެހޭ ކަމަށެވެ.

ކުޅުދުއްފުށީ ސްކޫލުގެ ފުރާޅަށް ގެއްލުން ލިބިފައ - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވަނީ މި ހާދިސާ އާއި ގުޅިގެން ކުޅުދުއްފުށީގައި ހަރަކާތްތެރިވާން ފަށާފައެވެ.

ވައިގަދަވެ ލިބެމުން އަންނަ ގެއްލުންތަކުގެ އިތުރުން އުތުރުގެ ރަށްރަށަށް އަންނަނީ އުދަ ވެސް އަރަމުންނެވެ. އެގޮތުންް ހއ. އަތޮޅު ހޯރަފުށީ އެއާޕޯޓަށް އުދައިގެ ސަބަބުން ބޮޑެެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ.

ކުޅުދުއްފުށީ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑިއެފް

އެގޮތުން މި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.